ޕެނަލްޓީގައި 6-5 އިން ލިޔޯންގެ މައްޗަށް ކުރި ހޯދައި ފްރެންޗް ލީގު ކަޕްގެ ޗެމްޕިއަންކަން މިފަހަރު ވެސް ޕީއެސްޖީން ހޯދައިފިއެވެ.
ފަސް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު މެޗުގައި ދެ ޓީމުން ކުރެ ޓީމަކަށް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ލިބިފައިނުވާއިރު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފްގެ ކުޅުން ނިމުނުއިރު ވެސް ނަތީޖާ އަށް ބަދަލެއް އައިސްފައިނުވާތީ ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ.
ޕެނަލްޓީ އަށް ލިޔޯން ދިޔައީ 10 ކުޅުންތެރިންނާއެކުއެވެ. އެއީ އިތުރު ވަގުތުގެ ދެވަނަ ހާފްގެ ތެރޭގައި ލިޔޯންގެ ޑިފެންޑަރު ރަފޭލް އަށް ދެއްކި ރަތްކާޑާ ގުޅިގެންނެވެ.
ޕެނަލްޓީގައި ދެ ޓީމުން ވެސް ކުރިއަށް ފޮނުވާލި ފުރަތަމަ ފަސް ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް އޭގެފަހުން ލިޔޯންގެ ޓްރައޯރޭ ފޮނުވާލި ޕެނަލްޓީ ޕީއެސްޖީގެ ކީޕަރު ނަވާސް ވަނީ ދިފާއުކޮށްފައެވެ. މި މެޗުން ޕީއެސްޖީ މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސަރާބިއާއެވެ.
މިއީ ޕީއެސްޖީ ފްރެންޗު ލީގު ކަޕް ކާމިޔާބުކުރި 9 ވަނަ އަހަރު ކަމަށްވާއިރު، މިއީ ޖެހިޖެހިގެން އެޓީމުން މި މުބާރާތް ކާމިޔާބުކުރި ހަވަނަ ފަހަރެވެ.
އަނެއްކޮޅުން މިއީ ޕީއެސްޖީން މި ސީޒަނުގައި ހޯދި ތިންވަނަ ތަށިކަން ވެސް ފާހަގަކޮށްލެވެއެވެ. އެޓީމުން މީގެކުރިން ވަނީ ފްރެންޗު ލީގާއި ފްރެންޗު ކަޕް ވެސް ކާމިޔާބުކޮށްފައެވެ.