Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

ކުނި ނައްތާލުމަށް 150،000 ރުފިޔާގެ ބަޖެޓެއް!

އައްޑޫ ސިޓީގައި ރައްކާތެރިކަމާއި އެކު ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމް ކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި 150،000 ރުފިޔާ ހިމަނައިފިއެވެ.

އާދީއްތަ ދުވަހު ކައުންސިލުން ފާސްކުރި 2014 ވަނަ އަހަރުގެ ބަޖެޓްގައި ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުމުގެ ނިޒާމް ގާއިމް ކުރުމަށް 150،000 ރުފިޔާ ހަމަޖައްސާފައިވާ އިރު ރަށުތެރޭގައި ޑަސްބިން ބެހެއްޓުމަށް ކަނޑައަޅާފައިވަނީ 787،500 ރުފިޔާއެވެ. އަދި ކުނި ނައްތާލުމާއި ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގުމަށް ބަޖެޓް ކޮށްފައިވަނީ 251،500 ރުފިޔާއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫގެ ވޭސްޓް މެނޭޖްމަންޓް ޕްލޭން އެއް ހެދުމަށް އަމިއްލަ ކޮންސަލްޓެންޓެއް ކަމަށްވާ ހިތަދޫ ނައިލޯންގެ އަހުމަދު ނިޒާމް އާއި އެޕްރީލް މަހުގެ ތެރޭގައި ހަވާލުކޮށްފައެވެ. އަދި ޕްލޭން ތައްޔާރު ކޮށް ތިން މަސް ދުވަހުގެ ތެރޭ ކައުންސިލަށް ހުށަހެޅުމަށް އެއްބަސްވުމުގައި ވެއެވެ.

އައްޑޫގެ ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމް ކުރުމަށް އެއްލައްކަ ފަންސާސް ހާސް ރުފިޔާ ބަޖެޓް ކުރި އިރު އެކަމާއި ގުޅޭ ގޮތުން މިހާރުގެ ކައުންސިލުން ވަނީ ތައިލެންޑަށް ޒިޔާރަތް ކޮށްފައެވެ. އަދި އެދަތުރަށް ފަހު ކުނިން ހަކަތަ އުފެއްދުމާއި ގުޅޭ ގޮތުން ކައުންސިލުންވަނީ ވާހަކަ ދައްކާފައެވެ. އަދި އެކަން ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ދަތުރުގައި ބައިވެރިވި ކައުންސިލަރުން ވަނީ ބުނެފައެވެ.

އައްޑޫގެ ކުނި މެނޭޖްނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން ހިތަދޫ އީދިގިލި ކިޅި އާއި ކޯއްޓޭ ސަރަހައްދުގެ އިތުރުން ގުޅިފައިވާ ފަޅުރަށްތަކުގެ ހޭޅިފަށާއި، ރަށުތެރޭގެ އެތަން މިތަނަށްވަނީ ކުނި އަޅާ ގޮޑުވެފައެވެ.