ރިއާސީ އިންތިހާބު ފެށެން ކައިރިވަމުން އަންނަ ވަރަކަށް ރަށްރަށުގައި ކެމްޕެއިން ފޯރި އަންނަނީ ގަދަވަމުންނެވެ. ކެމްޕެއިން ޖަގަހަތައް ޖެހިޖެހިގެން ފުލުފުލުގައި ހުޅުވަމުން އަންނަ އިރު ތަފާތު ކުލަ ކުލައިގެ ފޮތިތަކުން އުދަރެސް ވަނީ ހިޔާކޮށްފައެވެ.
ފާރުތަކާއި މަގު ހުރަހަށް ދަމާފައިވާ ވައުދުތަކުގެ ލިއުން ރަށް ފުރިފައިވާ ސިޔާސީ ޕާޓިތަކުގެ ޖަގަހައިގެ އަޑުން މުޅި ޖައްވު ވަނީ ގުގުމާފައެވެ.
ކެމްޕެއިން ފޯރި މިހާ ގަދައިރު މިކަމާއި މާ ބޮޑު ސަމާލުކަމެއް ނުދޭ މީހުންވެސް ވަރަށް ގިނައެވެ. ޕާޓީ ހަރަކާތުގައި ބައިވެރި ނުވެ، އެކަމަކު ޕާޓީ ތަކަށް ތާއިދުކުރާ މީހުން ވެސް މަދެއް ނޫނެވެ. އަދި އެއްވެސް ގޮތަކަށް ޕާޓީއެއްގައި ހިމެނެން ބޭނުން ނުވާ މީހުންވެސް ވަރަށް ގިނައެވެ.
ރާއްޖޭގެ ކަންކޮޅުތަކުން ހަތަރު ކެންޑިޑެޓުންގެ ކެމްޕެއިން ހެސްކިޔާފައި ކުރަމުން އަންނަ އިރު ސިޔާސީ ގޮތުން އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ ފުރައްސާރައިގެ އަސަރު އާއްމު ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރަމުން އެބަދެއެވެ. ކުރިން ފާހަނގަ ކުރި ގޮތަށް ވަކި ބަޔަކަށް ތާއިދު ނުކުރާ މީހުންނާއި ބަޔަކަށް ދާއިދު ކޮށްގެން ތިބި މީހުންގެ ވިސްނުން މި ފުރައްސާރައިގެ ސަބަބުން ބަދަލުވެއެވެ.
އެއްޕާޓީއެއްގެ ޖަގަހައިން ލަވަ ޖަހާތީގެ ދެން ހުރި ޕާޓީން އެޕާޓީގެ އަޑު ކަނޑުވަން އެއަށް ވުރެ އަޑުގަދަ ސްޕީކަރު ގެނެސް ލަވަޖަހައި ހެދުމުގެ ސަބަބުން އޭގެ ހަގީގީ ގެއްލުން ލިބެނީ އެގޮތަށް ޖެއްސުން ކުރާ ޕަޓީއަށްކަން ވިސްނަން ޖެހެއެވެ.
ބާރަށް ލަވަޖަހައި އަޑުގަދަކޮށްގެން ސިޔާސީ ފިކުރެއް ނުވިއްކޭނެއެވެ. އެކަމުގެ ސަބަބުން އިތުރަށް ލިބޭނެ ވޯޓެއް ނެތްކަން ގަބޫލު ކުރަން ޖެހެއެވެ.
ނަމަވެސް އެގޮތަށް އަޑުގަދަކޮށް ޖެއްސުން ކުރުމުގެ ސަބަބުން އާއްމު ރައްޔިތުންނަށް އުނދަގޫވާކަން ސިޔާސީ ވެރިން ވިސްނަން ވެއްޖެއެވެ. އެގޮތަށް ހެދުމުގެ ސަބަބުން ތިމަމެންގެ ފިކުރު ބަލިކަށިވަމުންދާކަން ދަންނަން ޖެހެއެވެ.
އެއްބަޔަކު އަނެއް ބަޔަކަށް ޖެއްސުން ކޮށް ކެމްޕެއިން ސާމާންތައް ހަލާކުރުމުގެ ސަގާފަތް ދޫކޮށްލަންވެއްޖެއެވެ. އުފެއްދުންތެރި ގޮތްތަކަށް ކެމްޕެއިން ބަދަލު ކުރަން ދަސްކުރަން ޖެހެއެވެ. އެންމެ ބޯދާ ޒަމާނުގެ ފިކުރުން އެއްކިބާވެ އާއްމުންގެ މަސްލަހަތު ހިމާޔަތްކޮށް އެފަރާތަކަށް އިހްތިރާމް ކުރަން އެބަޖެހެއެވެ. ވެރިކަމަށް އައުމަށް ކުރާ ކެމްޕެއިން ތަކުން ތިމާމެންގެ ސިޔާސަތުގެ ހުރި ދޯހަޅިކަން ދެއްކުމުގެ ބަދަލުގައި ހުރި މޮލުކަން ހާމަ ކުރަން އެބަޖެހެއެވެ. ރައްޔިތުންނަކީ ތިމާމެން ކިހާ އިހްތިރާމް ކުރާ ބައެއްކަން ހާމަކޮށް ދައްކަން އެބަޖެހެއެވެ.
ސިޔާސީ ޕާޓީ ޖަގަހަ ތަކުގެ ކައިރީގައި ތިބޭ ގޭގޭގެ މީހުންނަށް ހަމަޖެހިލައިގެން އެމީހުންގެ ގެތަކުގައި މަޑުން ނުތިބެވެއެވެ. އެތައް ކުޑަކުދިންނާއި ބަލި މީހުންނަށް އެ އަޑާއި ހެދި އަރާމެއް ނުކުރެވެއެވެ.
އަޅުގަނޑުމެންނަށް މިއަދުވެސް މި ފެންނަނީ އެންމެ އަޑުގަދަ މީހާއަކީ އެންމެ ބާރު ގަދަމީހާ ކަން ދައްކަން އުޅޭ ތަނެވެ. އެކަމަކު އެގޮތެއް މިއަދު މީހުން ބަލައި ނުގަންނާނެއެވެ.