Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ޗެލްސީ ބަލިކޮށް އާސެނަލް އިން އެފްއޭކަޕް ކާމިޔާބުކޮށްފި

2-1 އިން ޗެލްސީ ބަލިކުރުމަށްފަހު އެފްއޭކަޕްގެ ޗެމްޕިއަންކަން އާސެނަލް އިން ހޯދައިފިއެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފަސްވަނަ މިނެޓްގައި ކްރިސްޓިއަން ޕުލިސިޗް ވަނީ ޗެލްސީ އަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު އާސެނަލް އިން ކުޅުން ރަނގަޅު ކުރިއިރު މެޗުގެ 28 ވަނަ މިނެޓްގައި އެޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

އެގޮތުން އާސެނަލް އަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަންއެވެ.

ނަތީޖާ އެއްވަރުކުރުމަށްފަހު ވެސް އާސެނަލް އިން ރަނގަޅަށް ކުޅެމުންދިޔައިރު ޗެލްސީ އަށް މި މެޗުގައި މައްސަލަތައް ދިމާވީ އަނިޔާގެ ސަބަބުން އެޓީމުގެ މުހިއްމު ދެ ކުޅުންތެރިއެއް ބަދަލުކުރަން ޖެހުމުންނެވެ. އެގޮތުން ފުރަތަމަ ހާފުގައި ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އެޓީމުގެ ޑިފެންޑަރު އަޒްޕްލިއަސެޓާ ބަދަލުކުރަން ޖެހުނުއިރު، ދެ ވަނަ ހާފުގައި ފަޔަށް އަނިޔާވެގެން ޕުލިސިޗް ވެސް ވަނީ ބާލަން ޖެހިފައެވެ.

މި މެޗުން އާސެނަލް މޮޅުވި ގޯލު މެޗުގެ 67 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން އޮބާމަޔަންއެވެ. މި ގޯލު އާސެނަލް އިން ކާމިޔާބުކުރިތާ ހަ މިނެޓްފަހުން ޗެލްސީގެ މިޑްފީލްޑަރު ކޮވަސިޗް އަށް ވަނީ ރަތްކާޑު ދައްކާފައެވެ.

މިއީ އާސެނަލް އިން މި މުބާރާތް ކާމިޔާބުކުރި 14 ވަނަ ފަހަރު ކަމަށްވާއިރު، މި މުބާރާތް ކާމިޔާބު ކުރުމުން އެޓީމު މިހާރު ވަނީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގަށް ކޮލިފައިވެއެވެ.