Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މާލެ އަންނަ ދޯނިތަކުގެ ފަޅުވެރިން ދޯނިން ނުފޭބުމަށް އިލްތިމާސްކޮށްފި

ނޯތު ހާބަރު ސަރަހައްދު - ފޮޓޯ: މިހާރު

މާލެ އަންނަ ދޯނިފަހަރުތަކުގެ މީހުން މާލެއަށް ފައިބާ ނުހެދުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް އެދިވަޑައިގެންފިއެވެ.

ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަޒްލާ ވިދާޅުވީ ދޯންޏަށް މުދާ އަރުވަންދާ މީހުންވެސް ތިބެންޖެހޭނީ ދޯނީގެ ފަޅުިވެރިންނާއި ދިމާ ނުވާ ގޮތަށް ކަމަށެވެ. އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތް ފެނިއްޖެ ނަމަ އެކަން ލަސްނުކޮށް ކަމާ ބެހޭ ފަރާތްތަކަށް އަންގާ ޓެސްޓު ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ނަޒްލާ މިފަދައިން ވިދާޅުވެފައި މިވަނީ ދާދިފަހުން މާލެ ދަތުރުކުރާ ދެ ބޯޓެއްގެ ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމުންނެވެ. އަތޮޅުތަކުގައި މިހާރު މިބަލި ފެތުރެމުން އަންނައިރު ނަޒްލާ ވިދާޅުވީ އެންމެ މުހިއްމީ މާލެއިން ދާ ފަރާތްތައް 14 ދުވަހުގެ ކަރަންޓީނެއްގައި ތިބުން ކަމަށެވެ.

އިއްޔެވެސް 156 މީހަކު ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވިއިރު އޭގެތެރެއިން ދެ މީހަކީ ދެ ރަށަކުން ޕޮޒިޓިވްވި ދެ މީހުންނެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން 100 އަށްވުރެ ގިނަ ދިވެހިންނަށް ބަލި ވަނީ ޖެހިފައެވެ.

މީގެއިތުރުން އިއްޔެ ވަނީ މިބަލީގައި އިތުރު ދިވެއްސަކު ވެސް މަރުވެފައެވެ.