Last Updated: April 25, 22:42
Friday, April 26, 2024
ޚަބަރު

ހެކި ނައްތާލުމުން ފުލުސް ލޯންޗުގައި ރޯކުރި މީހަކު ޖަލަށްލާން ހުކުމްކޮށްފި

އަބްދުލް ލަތީފް --

ލ.ގަމު ތުނޑީ އަވަށު ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ ތެރެއިން ލ. ގަން، ތުނޑި، ލަވްސައިޑް އަބްދުއް ލަތީފް އިބްރާހީމް ހެކި ނައްތާލި މައްސަލައެއްގައި ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

މި މައްސަލާގައި އަބްދުލްލަތީފުގެ އިތުރުން ދެން ތުހުމަތު ކުރެވޭ މީހާއަކީ ލ. ގަން، ތުނޑި، ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްއެވެ. މި ހާދިސާ ހިނގީ މިދިޔަ މާޗު މަހުގެ 22ވަނަ ދުވަހުއެވެ.

ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ މައްސަލައިގެ ހެކި ނައްތާލާފައި ވާތީ އަބްދުއްލަތީފް އިބްރާހީމްގެ މައްޗަށް ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއަށް އަބްދުއްލަތީފް އިބްރާހީމް އިޢުތިރާފްވެފައިވާތީ އޭނާ 1 އަހަރާއި 12 ދުވަހަށް ޖަލަށްލުމަށް ގަމު މެޖިސްޓްރޭޓު ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އަބްދުއް ލަތީފް އިބްރާހީމް ދިރިއުޅޭ ލ. ގަން، ތުނޑި، ލަވްސައިޑް، ލ. ގަން މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން ބަލާ ފާސްކުރިއިރު ފެނުނު ހާޑް ޑިސްކްއެއް ތަހުލީލްކުރިއިރު ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ ޖަބްހުތުއް ނުސްރާއާއި އަލް ގައިދާއަށް ތާއީދުކުރާކަން ދޭހަކޮށްދޭ ލިޔުންތައް ފެނިފައިވާ ކަމަށް ޕީޖީން ބުންޏެވެ.