Last Updated: May 5, 21:07
Tuesday, May 6, 2025
ޚަބަރު

ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީން ދޫކޮށްލައިފި

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި މައްސަލާގައި ފުލުހުން ހައްޔަރުކުރި 19 ބިދޭސީން ދޫކޮށްލައިފިއެވެ.

އެމީހުން ދޫކޮށްލުމަފަހު މިހާރު ވަނީ އިމިގްރޭޝަނާއި ހަވާލުކޮށްފައެވެ. ބޮޑުފިނޮޅުން ބިދޭސީން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ ތިންވަނަ ދުވަހު އެރަށުގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ގޮސްގެންނެވެ. އެމީހުންގެ ބަންދަށް މީގެކުރިން ދެފަހަރެއްގެ މަތިން 15 ދުވަސް ވެސް ވަނީ ޖަހާފައެވެ.

ބޮޑު ފިނޮޅުގައި ބިދޭސީން ހަމަނުޖެހުން ހިންގައި ދިވެހިންތަކެއް ރަހީނުކުރީ މުސާރަ ނުދީ ގިނަ ދުވަސްތަކެއް ވުމުން ހިތްހަމަނުޖެހިގެންނެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުރަތަމަ ބ.ތުޅާދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން އެރަށަށް ދިއުމުން އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިން ވަނީ ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދައްކައި ބައެއް ފުލުހުންނަށް ހަމަލާވެސް ދީފައެވެ.

އެކަމާއި ގުޅިގެން މާލެއިން ފުލުހުންގެ އިސް ދެ އޮފިސަރުން ހިމެނޭ ގޮތަށް ޕަބްލިކް އޯޑާ ރެސްޕޯންސް ޔުނިޓް ޓީމަކާއި ފުލުހުންގެ ތަހްގީގު ޓީމެއް ބަންގްލަދޭޝްގެ ހައިކޮމިޝަންގެ ދެ އޮފިޝަލުންނާއެކު ބޮޑުފިނޮޅަށް ގޮސް އެރަށުގައި ތިބި ދިވެހިން ވަނީ ސަލާމަތްކޮށްފައެވެ.

މުސާރަ ނުދިނުމާ ގުޅިގެން ބިދޭސީން ހަމަނުޖެހުން ހިންގިއިރު، ދާދިފަހުން ހަމަ މިފަދަ މައްސަލައެއްގައި ހުޅުމާލޭގައި ވެސް ބިދޭސީންތަކެއް ވަނީ ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދީފައެވެ.