Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 14:00 އާއި ހަމައަށް ޖޭއެސްސީން ވަނީ ހުޅުވާލާފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތަކީ އުމުރުން 30 އަހަރު ވެފައިވުމާ އެކު ފަނޑިޔާރު ކަމުގައި ނުވަތަ ވަކީލުކަމުގައި ހަތް އަހަރުގެ ތަޖްރިބާ ލިބިފައިވުމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރަނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަށް ބިނާކޮށް މަޖިލީހުންނެވެ. ގާނޫނު އަސާސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރުމުގެ އިޖުރާއަތް އޮންނަނީ އެގޮތަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ އެ ދެ މަގާމަށް އައްޔަން ކުރުމާމެދު ލަފަޔަކަށް އެދި ޖޭއެސްސީ އަށް ދެ ބޭފުޅެއްގެ ނަން ފޮނުއްވާފައެވެ. އެ ދެ ބޭފުޅުންނަކީ ކްރިމިނަލް ކޯޓު ހިންގުމާއި ހަވާލުވެ ހުންނެވި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހިމް އެވެ.