ކުރީގެ ރައީސް މައުމޫނުގެ އަބްދުލް ގައްޔޫމްގެ ސަރުކާރަށް ފާޑު ކިއުމަށް އުފެއްދި އޮންލައިން ބުލެޓިންގެ މައްސަލައެއްގައި އުމުރު ދުވަހަށް ޖަލަށް ހުކުމް ކޮށްފައި ހުއްޓާ މުޙައްމަދު ނަޝީދުގެ ސަރުކާރުން މިނިވަން ކުރި މަޝްހޫރު ސަންދާނު ލުޠުފީ ޕީޕީއެމްއަށް ރޭ ސޮއިކޮށްފި އެވެ.
ލުޠުފީ ޕީޕީއެމް އަށް ސޮއި ކުރީ ޕީޕީއެމާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގުޅިގެން ހ. ސަން ގޭގައި "ބަދަހި ޖަގަހަ" ހުޅުވަން ބޭއްވި ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތުގައި ސަންދާން ލުތުފީގެ ފޯމާ ހަވާލުވީ ޕީޕީއެމްގެ ރިޔާސީ ކެނޑިޓޭޑް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ރައީސް މައުމޫން އެވެ.
މައުމޫނުގެ ސަރުކާރަށް ފާޑު ކިޔައިގެން އުމުރައް ޖަލު ބަންދު ކުރި ލުޠުފީ ވަނީ ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ގޮސް ފިލާފައެވެ. އަދި ސްވިޒަލޭންޑްއިން ހިމާޔަތް ހޯދައިގެން ކުރީގެ ރައީސް ނަޝިދު ވެރިކަމަށް ގެނައުމަށް ގިނަ ކެމްޕެއިންތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރެއްވި އެވެ.
ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގެ ފަހުކޮޅު ލުޠުފީ ވަނީ ނަޝީދުގެ ގިނަ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012ގައި ނިމުމާއި ގުޅިގެން އައި ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކުގެ ސަރުކާރުން ލުޠުފީއަށް ވަނީ އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ ބޮޑު ސިޔާސީ މަގާމެއް ދީފަ އެވެ.
ވަހީދުގެ ސަރުކާރުގައި ލުޠުފީ ވަނީ ރައީސުލް ޖުމްހުރިއްޔާގެ އެޑްވައިޒަރުގެ މަގާމު އަދާކޮށްފައެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާއަށް ނުނިކުމެ ރާއްޖޭން ބޭރުގައި އުޅުއްވުމުގެ ސަބަބުން ބޮޑެތި ފާޑުކިއުންތައް ސަރުކާރަށް އަމާޒު ވާން ފެށުމުން ލުޠުފީ ވަނީ މަގާމުން ވަކިކޮށްފައެވެ.
ލުޠުފީ އެޑްވައިޒަރު ކަމުގެ މަގާމަށް އައްޔަން ކުރައްވަންދެން ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރިވަމުން ގޮސްފައިވެއެވެ. ނަމަވެސް މަގާމު ލިބުމާއި އެކު ލުޠުފީ ވަނީ ސޯޝަލް މީޑިއާއިން އެކަހެރިވެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވަހީދުގެ ސަރުކާރުން ލުޠުފީއަށް މަހަކު 35،000 ރުފިޔާގެ މުސާރައެއް ވަނީ ދީފައެވެ.