Last Updated: April 24, 06:35
Wednesday, April 24, 2024
ކުޅިވަރު

ޔުވެންޓަސްގެ ކޯޗުކަމުން ސާރީ ވަކިކޮށްފި

ޔުވެންޓަސްގެ ކޯޗު ކަމުން މައުރީޒިއޯ ސާރީ ވަކިކޮށްފިއެވެ.

ސާރީ މަގާމުން ވަކިކޮށްފައިމިވަނީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޔުވެންޓަސް ކެޓިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. ޔުވެންޓަސް ކަޓާފައިވަނީ ފްރާންސްގެ ލިޔޯންގެ އަތުންނެވެ. މިއީ 16-2015 ވަނަ ސީޒަނަށްފަހު މުބާރާތުގެ ކުއާޓާއަށް ނުގޮސް ޔުވެންޓަސް ކެޓި ފުރަތަމަ ފަހަރެވެ.

ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރު ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވި ސާރީ ވަނީ އެ ކްލަބާއެކު އިޓާލިއަން ލީގު މިފަހަރު ކާމިޔާބުކޮށްފައެވެ. މިއީ އެޓީމުން ޖެހިޖެހިގެން ލީގު ކާމިޔާބުކުރި 9 ވަނަ ފަހަރެވެ.

ނަމަވެސް ދެން މި ސީޒަނުގައި ޔުވެންޓަސް އިން ކުޅުނު ދެ މުބާރާތް ކަމަށްވާ އިޓާލިއަން ސުޕަރ ކަޕާއި އިޓާލިއަން ކަޕް ސާރީ އަށް ވަނީ ޔުވެންޓަސް އަށް ހޯދައިދިނުމުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

އުމުރުން 61 އަހަރުގެ ސާރީ އަށްފަހު ޔުވެންޓަސްގެ ކޯޗުކަމަށް ގެންނާނެ ފަރާތެއް ހޯދުމުގެ މަސައްކަތް އެޓީމުން ފަށާފައިވާއިރު ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޓޮޓެންހަމްގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ލާޒިޔޯގެ ކޯޗު ސިމޯނޭ އިންޒާގީ ކަމަށް ރިޕޯޓުތައް ބުނެއެވެ.