Last Updated: April 20, 09:23
Saturday, April 20, 2024
ޚަބަރު

ކޮވިޑް-19: އައްޑޫން ދެވަނަ މީހަކު ޕޮޒިޓިވްވެއްޖެ، މި ފަހަރު ބިދޭސީއެއް!

އައްޑޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީ މީހާ އަކީ އައްޑޫ ހައި ސްކޫލްގެ ހޯލް އިމާރާތް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކުންފުނީގައި މަސައްކަތް ކުރާ ބިދޭސީއެކެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފުއް ސާދާތު ވިދާޅުވީ އެމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށް ފަހު ނެގި ސާމްޕަލްއިން ކަމަށެވެ.

އައްޑޫލައިވްއަށް އެނގިފައިވާ ގޮތުގައި އެމީހާ ހުރީ އައްޑޫ ހައި ސްކޫލްގައި ބިދޭސީން ތިބުމަށް ހަދާފައިވާ އެކަމޮޑޭޝަން ތަނެއްގައެވެ.

ސާތު ވިދާޅުވީ އެމީހާގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އައްޑޫއަށް ހޯމް ކަރަންޓީނަށް އައި ފުލުހަކުވެސް ރޭ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ސާތު ވިދާޅުވީ މި ދެ ކޭސްގެ ކޮންޓެކްޓު ޓްރޭސިން ހަދައި، ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 މާލޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ އިރު އަތޮޅުތަކަށްވެސް މިހާރު ބަލި ވަނީ ފެތުރިފައެެވެ. އެގޮތުން ބަލި ރަށްތަކަށް ގޮސްފައިވަނީ ހޯމް ކަރަންޓީނަށް ދާ މީހުންނާއި، ކަޑު ބޯޓު ފަހަރުން ދަތުރު ކުރާ މީހުން ޕޮޒިޓިވްވެގެންނެވެ.