Last Updated: April 24, 23:11
Thursday, April 25, 2024
ޚަބަރު

ރިލްވާންގެ މައްސަލާގައި ކުރެވެންހުރި ހުރިހާ ކަމެއް ކުރިންވެސް ކުރި: އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، ފޮޓޯ: ރާއްޖެއެމްވީ

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ކުރެވެން ހުރި ހުރިހާ ކަމެއް މީގެކުރިން ވެސް ވާނީ ކޮށްފައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރިލްވާން ގެއްލުނުތާ އިއްޔެ އަށް ހަ އަހަރު ފުރިފައިވާއިރު، ރިލްވާންގެ މައްސަލައަށް އިންސާފު ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް މި ސަރުކާރުން ކުރިއަށް ގެންދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އުމަރު މިއަދު ވިދާޅުވީ ރިލްވާންގެ މައްސަލައިގައި ކުރެވެންހުރި ހުރިހާ ކަމެއް މީގެކުރިން ވެސް ވާނީ ކޮށްފައި ކަމަށެވެ. ނަމަވެސް ދޮގާއި އޮޅުވާލުން އެއީ ސިޔާސީ ހަތިޔާރަކަށް ހެދުމުން އިތުބާރު ގެއްލުން ނޫން ކަމެއް މި ސަރުކާރަށް ނުވި ކަމަށް އުމަރު ވިދާޅުވިއެވެ.

ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމުގައި ހަރަކާތްތެރިވާ ޓީމުގައި ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރެއް ހިމެނުމުގެ މަސައްކަތް ހިމެނުމަށް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.

ރިލްވާންގެ މައްސަލަ ތަހުގީގު ކުރަމުންދާ މަރު ކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ބޭރުގެ މާހިރަކު އައްޔަނުކުރެއްވުމަށް ރައީސް ސޯލިހު ނިންމަވާފައި ވަނީ، ޖުލައި މަހުގެ 02 ވަނަ ދުވަހު ރިލްވާން އާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ އާއިލާތަކާއި އެމަނިކުފާނާއި ބައްދަލު ކުރެއްވުމަށްފަހު ކަމަށެވެ.

އަދި ރިލްވާންގެ މައްސަލާގައި ކޮމިޝަނަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ރިލްވާން ގެއްލުވައިލުމާއި ގުޅޭ އިތުރު މައުލޫމާތު އެނގޭނެ އިތުރު ފަރާތްތައް އަދިވެސް ތިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށާއި އެ މައުލޫމާތު އެ ކޮމިޝަނާއި ހިއްސާ ކުރުމުގެ ފުރުސަތު އަދިވެސް އޮތްކަން ވަނީ ފާހަގަކޮށްފައެވެ. އަދި، އެފަދަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އެ ކޮމިޝަނުން ވަނީ އަރުވާފައެވެ.

ރިލްވާން ގެއްލުނުތާ ހަ އަހަރު ވެފައިވާއިރު މި މައްސަލަ ތަހުގީގުކުރި މަރު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ވަނީ ދީނީ ހަރުކަށި ޖަމާއަތުގެ ބަޔަކު ރިލްވާން ރަހީނު ކުރުމަށްފަހު ކަނޑު އުޅަނދަކަށް އެރުވުމަށްފަހު މަރާލާފައިވާ ކަމަށް ބުނެފައެވެ.

ރިލްވާން ގެއްލުވާލި މައްސަލައިގައި ހާމަކަން ބޮޑު ތަހުގީގެއް ކުރުމަށް ފަހު އިންސާފު ހޯދައިދެއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ވިދާޅުވެފައެވެ.