Last Updated: June 9, 11:45
Tuesday, June 9, 2026
ޚަބަރު

"ވޯޓުލާ ދުވަހު ހަމަނުޖެހުމެއް ހިންގިޔަ ނުދޭނަން"

ރިޔާސީ އިންތިޚާބުގެ ވޯޓުލާ ދުވަހު އެއްވެސް ހަމަނުޖެހުމެއް ހިންގިޔަ ނުދިނުމަށްޓަކައި ފުލުހުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވާނެ ކަމުގައި ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ސީޕީ ވިދާޅުވީ ވޯޓުލާ ދުވަހު އެއްވެސް ހަމަނުޖެހުމެއް ހިންގަން އުޅޭ ކަމުގެ އިންޓެލިޖެންސް މަޢުލޫމާތެއް މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް ފުލުހުން ތައްޔާރުވެފައި ވަނީ ދިމާވެދާނެ އެންމެ ނުރައްކާތެރި ހާލަތަށް ވިސްނައިގެން ކަމަށް ވުމުން ކޮންމެ ފަދަ ހާލަތެއްގައިވެ ސް މަސައްކަތް ކުރާނެ ޕްލޭންސްތައް ރާވައިގެން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް ހަމަނުޖެހުމެއް ހިންގުމަށް ބަޔަކު ރާވާ ކަމުގެ މަޢުލޫމާތު ލިބިއްޖެ ނަމަ އެކަމެއް ވިޔަ ނުދިނުމަށް ދުރާލާ އަޅުއްވަން ޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ހިންގަން ފަށައިފި ނަމަ ހުއްޓުވުމަށް ވެސް ޤާނޫނީ ގޮތުން ލިބިފައިވާ އެންމެހައި ބާރާއި އިޚްތިޔާރު ބޭނުން ކުރައްވާނެ ކަަމަށް ސީޕީ ވިދާޅުވި އެވެ.

މިފަދަ އެންމެހައި ކަންކަމާ ފުލުހުން ވަރަށް ސާބިތުކަމާއެކު ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެ ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ އިންތިޚާބުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ފުލުހުން ޢަމަލުކުރާނެ ގޮތްތައް ވަރަށް ސަރީޙަކޮށް ބަޔާންކޮށްފައި ވާނެ ކަމަށާއި ޤާނޫނު ނެގެހެއްޓެން ޖެހޭނެ ކަމަށެވެ.
އަދި އެކަން ކުރުމަށް ވަކި މީހެއް ނުވަތަ ވަކި މަޤާމެއްގައި ހުރި މީހެއް ބެލުމެއް ނެތި އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ޤާނޫނު ތަންފީޒު ކުރެވެން ޖެހޭނެ ކަަމަށް ވެސް ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވި އެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ ރާއްޖެއަކީ ޑިމޮކްރެޓިކް އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އިންތިޚާބުތައް ބޭއްވޭ ޤައުމެއްކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.

އަދި އެއްވެސް ސިޓުއޭޝަނެއް ކުރިމަތިވެއްޖެ ނަމަ ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފުލުހުން އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ގިނަ ޢަދަދެއްގެ ފުލުހުންނަށް ރިފްރެޝަ ތަމްރީނުތައް ފޯރުކޮށް ދީފައިވާކަން ވެސް ކޮމިޝަނަރު އޮފް ޕޮލިސް ފާހަގަ ކުރެއްވި އެވެ.