Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ނުފޫޒު ބޭނުންކޮށްގެން ސިއްހީ ވަސީލަތްތައް ހޯދާ ވާހަކަ ދޮގުކޮށްފި

ނުފޫޒު ބޭނުންކޮށްގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ސިއްހީ ވަސީލަތްތައް ހޯދާ ކަމުގެ ތުހުމަތު ހެލްތު މިނިސްޓްރީގައި މީގެ ކުރިން މަސައްކަތް ކުރެއްވި ޑޮކްޓަރުންތަކަކާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންތަކެއް ދެއްކެވި ވާހަކަތައް ހެލްތު މިނިސްޓްރީން ދޮގުކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ވާހަކަދައްކަވަމުން ޑޮކްޓަރު ހަފީޒާ އަލީ ވިދާޅުވީ ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސްގެ މަގާމާއި ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސެސްގެ މަގާމާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ އިތުރުން ނޭޝަނަލް ބްލަޑް ސާވިސަސްގެ ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސާފައި ނުވާ ކަމަށެވެ. މި މަގާމުތަކަށް ބޭފުޅުން ހަމަނުޖައްސާ ސިއްހީ ދާއިރާ ރަނގަޅަށް ފަންކްޝަން ނުކުރާނެ ކަމަށް ހަފީޒާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަމީނަށް ތުހުމަތެއް ކުރައްވާ ހަފީޒާ ވިދާޅުވީ ސަރުކާރުގެ އެގްޒެކިއުޓިވް ބޭފުޅުންގެ ބައްދަލުވުންތައް މިނިސްޓަރު އަމީނު ނުބާއްވާ ކަމަށެވެ. ސިޔާސީ ބޭފުޅުންނާއި އެކުގައި އެއްވެސް ބައްދަލުވުމެއް ނުބާއްވާތާ ދެ މަހެއްހާ ދުވަސްވެފައިވާ ކަމަށް ވިދާޅުވެ ހަފީޒާ ވިދާޅުވީ މިނިސްޓަރު އަމީން ކަންކަން ނިންމަވަނީ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. މީގެއިތުތުން ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ނުފޫޒު ބޭނުންކުރާ ކަމަށްވެސް ހަފީޒާ ވިދާޅުވިއެވެ.

ޓެންޑާ ކުރުމެއް އިއުލާނު ކުރުމެއް މިކަހަލަ އެއްވެސް ކަމެއް އޮންނަ ތަނެއް ނުފެނޭ އަޅުގަނޑުމެންނަކަށް،" ހަފީޒާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑޮކްޓަރު އިސްހާގު ޝަފީގު ވިދާޅުވީ އާ ސަރުކާރެއް އައުމާއި އެކު މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެއްވި ކަމަށެވެ. ނަމަވެސް ފެންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ފަހަތަށް ދާތަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެވާހަކަތައް ދޮގުކޮށް ހެލްތު މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކޮށް މެދުނުކެނޑި ހިދުމަތް ދިނުމަށް ހޯދާތަކެތި ހޯދަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ބިޑިން ޕޮރޮސެސް ތެރެއިން ކަމަށެވެ. 

ނޫސްބަޔާނުގައި ބުނެފައިވަނީ އެ މަސައްކަތްތައް ކުރަނީ ސަރުކާރުން ނިންމަވާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ ދާއިރާގެ އެކި ކަންކަމަށް ސިޔާސީ ބޭފުޅުން މަސްއޫލުވެ ތިއްބަވައިގެން އެބޭފުޅުންގެ ބައިވެރިވުމާއެކު އެކިއެކި ފަރާތްތަކާއި އެކު ވިލަރެސްކޮށް ކަނޑައެޅިފައިވާ އިންތިޒާމްތަކެއްގެ ދަށުން، އެހެނިހެން ދާއިރާތަކުގެ ބައިވެރިވުމާއި އެކުގައި ކަމަށެވެ.

ސިއްހީ ދާއިރާ އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ ފަންނީ ގާބިލްކަން އިތުރު ކުރުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދުމަށް ސަރުކާރުގެ އިދާރާތަކާ އެހެނިހެން ފަރާތްތަކާއެކު ހުއްޓުމެއް ނެތި މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.