ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއްގެ ތަޙުޤީޤު ނިންމައި އައްޑޫގެ ދެ މީހެެއްގެ އިތުރުން އިތުރު ދެ މީހެއްގެ މައްޗަށް ދަޢުވާ ކުރަން ޕްރޮސެކިޔުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލައިގެ ތަހުޤީޤު ނިންމައި ދަޢުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ ސ.ފޭދޫ، މަދަރުސާދޮށުގެ، ޢަބްދުﷲ ރަޝީދު ޙަސަން (އޮފްސަރު) 49، އާއި ކ.މާލެ، ގ. ކޮނޮއްޓާ، އަޙްމަދު ފާރިޝް، 27، އާއި ތ.ގާދިއްފުށި، ރޯޒް، އިލްޙާމް މުޙައްމަދު، 27، އަދި ސ.ފޭދޫ، އާގެ، އަޙްމަދު ވަޙީދު، 30، ގެ މައްޗަށެވެ.
މި މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވަނީ 2013 ފެބްރުއަރީ 16 ވަނަދުވަހުގެ 10:24 އެހާކަށްހާ އިރު އިންޑިޔާގެ ޓްރެވިންޑްރަމް އިން ފޭދޫ، އާގެ، އަޙްމަދު ވަޙީދު ރާއްޖެ އައިއިރު އޭނާގެ އެތެރެހަށީން މަސްތުވާތަކެތި އަޅާފައި ހުރި ބުލެޓް ސައިޒުގެ ޕެކެޓްތަކެއް ފެނިފައިވާ މައްސަލަ އާ ގުޅިގެންނެވެ.
މި މައްސަލާގައި އަޙްމަދު ވަޙީދު ހަށިގަނޑުތެރޭގައި މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަވިސްގެ އޮފިޝަލުންނަށް ތުޙުމަތު ކުރެވިގެން އޭނާ ފުލުހުންނާ ޙަވާލު ކުރުމުން އަޙްމަދު ވަޙީދު އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ބާއްވައިގެން އޭނާ ބޮޑުކަމު ދިޔުމުން އެތަކެތި ނަގައި ތަޙުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ޑައިމޯފިން އަޅާފައި ހުރި 99 ބުލެޓް ވަނީ ފެނިފަ އެވެ. އަދި މިތަކެތީގެ ބަރުދަނުގައި 413 ގްރާމް ހުއްޓެވެ.
މި މައްސަލާގައި ދަޢުވާކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ އަނެއް 3 މީހުންގެ ތެރެއިން އަޙްމަދު ފާރިޝް އަދި އިލްޙާމް މުޙައްމަދު އަކީ މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އަޙްމަދު ވަޙީދު ރާއްޖެއަށް އެތެރެ ކުރި މަސްތުވާތަކެއްޗާ ޙަވާލުވުމަށް ދިޔަ މީހުންނެވެ.
އަދި ޢަބްދުﷲ ރަޝީދު ޙަސަން އަކީ އިންޑިޔާ އިން އަޙްމަދު ވަޙީދު އަށް މަސްތުވާތަކެތި ޙަވާލު ކުރުމަށް ފަހު މާލެ ފޮނުވި ކަމަށް ތުޙުމަތު ކުރެވޭ މީހާއެވެ.
މި މައްސަލައިގެ ތަހުޤީޤު ނިންމައި ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.
މި މައްސަލައިގައި ދަޢުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާ 4 މީހުންނަކީ ވެސް ވައްކަމާއި ފޭރުން އަދި މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއްގެ ރެކޯޑް މޯލްޑިވްސް ޕޮލިސް ސަވިސްގައި އޮންނަ މީހުންނެވެ.