ސ. ހިތަދޫން މީގެ ކުރިން ގޯތި ދޫކޮށްފައި ވަނިކޮށް އެ ގޯތިތައް ދައުލަތަށް ނެގުމާ ގުޅިގެން ބަދަލުގައި އެ ފަރާތްތަކަށް ގޯތި ދޫކުރަން ނިންމައި، ގޯއްޗަށް އެދުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ ދައުލަތަށް ނެގި ގޯތިތަކުގެ ބަދަލުގައި ހިތަދޫ މާމެންދޫ ސަރަހައްދުން 3،000 އަކަފޫޓްގެ 200 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ގޯތި މި ފަހަރު ދޫކުރަން ނިންމައިފައި ވަނީ ބޯހިޔާވަހި ކަމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މީހުންނަށެވެ.
ކައުންސިލުން ބުނީ ގޯތި ދޫކުރަން ނިންމާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ.
ފުރަތަމަ ފިޔަވަހީގައި މާމެންދޫ 200 ގޯތި ދޫކުރުމަށް ފަހު، ހިތަދޫ ސަރަހައްދީ ބަނދަރާއި އެ ރަށު ބަނދަރާ ދެމުން ބިން ހިއްކައިގެން ދެވަނަ ފިޔަވަހީގައި ވެސް 3،000 އަކަފޫޓްގެ ބިން ދޫކުރަން ނިންމާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ފުރަތަމަ ފިޔަވަހީގައި ދޫކުރާ 200 ގޯއްޗަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ތިން ވަނަ ދުވަހާ ހަމައަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ.
ގޯތި ދޫކުރަން ހަމަޖެހިފައި ވަނީ ކައުންސިލުން ކަނޑައަޅާފައިވާ 9 ޝަރުތެއް ހަމަވާ ފަރާތްތަކަށެވެ.