Last Updated: May 8, 09:25
Wednesday, May 8, 2024
ރިޕޯޓް

ކޭޝް ކާޑަށް ސަމާލުވޭ!

ނޯޓް: މިއީ ޕޮލިސް ކޯޕްރަލް ޖާވިދު އިސްމާޢީލް، ފުލުހުންގެ ވެބްސައިޓް "ޕޮލިސްލައިފް" ގައި މި މަހުގެ 14 ވަނަ ދުވަހު ލިޔެފައިވާ އާޓިކަލެކެވެ.
—————————————————

ހަވީރުގެ ވަގުތެވެ. ރައްޓެއްސަކާ އެކު ރަނގަޅުތަނަކަށް ކޮފީއަކަށް އަރައިފީމެވެ. ދުވަސްތަކަކަށް ފަހު ދިމާވުން ކޮފީގައި ވަރަށް ގިނަ ކަންތައްތަކާ ޚިޔާލު ބަދަލު ކުރެވުނެވެ.
ގަޑިއެއްހާ އިރު ވޭތުކު ރުމަށް ފަހު ދެ މީހުން ވެސް އަވަސް ވެގަތީ ބިލް ދެއްކުމަށެވެ. ބިލް އައުމާ އެކު އެކުވެރިޔާ ކޭޝް ކާޑު ނަގައި ވެއިޓަރު މީހާއަށް ޕިން ނަންބަރު ދިނުމަށްފަހު ފޮނުވާލައިފި އެވެ.
"ކޭޝް ކާޑުގެ ޕިން ވެއިޓަރު މީހާއަށް ތިޔަ ދިނީ ކިހާ އިތުބާރެއް ކުރާތީ ހެއްޔެވެ.؟" އަހަރެން އެކުވެރިޔާ ގާތު އަހާލީމެވެ.

އެކުވެރިޔާ ޖަވާބުގައި ބުނީ އަޅުގަނޑު ގަބޫލު ކުރާ ފަދަ ޖަވާބެއް ނޫނެވެ. "ދެން ފަސޭހަތާ. ބިލަށް ފައިސާ ކަނޑައިގެން ގެނެސްދޭނެތާ." އަޅުގަނޑު މި އެކުވެރިޔާ އަށް އެއީ ރަނގަޅު ގޮތެއް ނޫންކަމާއި ކަމުގެ ހުރި ނުރައްކާ ކިޔައި ދިނުމަށް ފަހު ދެ ހުން އެކުގައި ބޭރަށް ނުކުމެ ހިނގައިގަތީ އެވެ.

އަޅުގަނޑު މި ހިއްސާކޮށްލީ ވަރަށް ގިނައިން އަޅުގަނޑުމެން ތެރޭގައި ހިނގަމުން އަންނަ ކަމެކެވެ. ފިހާރައަކުން ނުވަތަ ރެސްޓޯރަންޓަކުން ޚިދުމަތް ލިބި ގަތުމަށް ފަހު ބިލަށް ފައިސާ ދެއްކުމަށް ވެއިޓަރަށް ޕިން ނަންބަރު ދިނުމަށްފަހު ފޮނުވާލެވެ. ނުވަތަ ސޭޓަކަށް ޕިން ނަންބަރު ދިނުމަށްފަހު ކަނޑާލާށޭ ބުނެ ދޫކޮށްލެވެ އެވެ.
ފަސޭހަކޮށްލުމުގެ ގޮތުންވިޔަސް މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ނުވިސްނި ނުވަތަ ނޭނގި ތިބެ އެވެ. ކަމުގެ ނުރައްކާތެރިކަން ނުވިސްނި އެވެ.

ކޭޝް ކާޑުގެ ޕިން ނަންބަރު ބޭނުންކޮށްގެން އެކައުންޓްތަކުގެ ވެރި ފަރާތްތަކަށް ނޭނގި ފައިސާ ނެގުމަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ދިމާވަމުންދާ މައްސަލަތަކެއްކަން ފުލުހުންނަށް ހުށަހެޅޭ މިބާވަތުގެ މައްސަލަތަކުން އެނގެ އެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް އެކައުންޓް ތަކުގެ ވެރިފަރާތަށް ނޭނގި އެކަނުންތަކުން 80،000 އަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާކަމާއި އެކައުންޓްގެ ވެރި ފަރާތްތަކަށް ނޭނގި 4 އެކައުންޓަކުން 40،000 ހާހަށްވުރެ ގިނަ ރުފިިޔާ ނަގާފައިވާ ކަން ފުލުހުން ހާމަކުރުމުން އެނިގެން ދަނީ ކަމުގެ ހުރި ނުރައްކާތެރިކަމެވެ. ނުވިސްނައި ދޫކޮށްލެވޭ ވަރުގެ ކަމަކަށް ވުރެ ބޮޑު ކަމެއްގެ ގޮތުގަ އެވެ.

ކޭޝް ކާޑުގެ ޕިން އަދި އޭޓީއެމްތަކުން ޚިދުމަތް ހޯދުމުގައި އާއްމު ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުވާން އެބަޖެހެއެވެ. ޕިން ނަންބަރު ބޭނުންކޮށްގެން ނޫންގޮތަކަށް އޭޓީއެމްތަކުން ޚިދުމަތް ނުލިބޭއިރު، ބައެއް މީސްމީހުން އޭޓީއެމް ތަކުގައި ތިބެގެން އޭޓީއެމް އަށް ފައިސާ ނަގަން ވަންނަ ފަރާތްތަކުން ޖަހާ ޕިން ނަންބަރުތައް ބަލައި ޕިން ނަންބަރު ނޯޓުކޮގެންނާއި އޭޓީއެމުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެހީތެރިވުމުގެ ބޭނުމުގައި ދަނީ ޕިން ނަންބަރު ހޯދަން މަސައްކަތް ކުރަމުންވެ. ހަމައެހެންމެ ބައެއް ފަހަރު އޭޓީއެމް ތަކުން ޚިދުމަތް ހޯދުމަށްފަަހު ޓްރާންސެކްޝަން ނުނިންމައި ދިއުމުގެ ސަބަބުން ޕިން ނަންބަރު އެނގޭ ފަރާތަކުން ނުވަތަ މިފަދަ ދަނޑިވަޅުތަކަށް ބަލަބަލައި ތިބޭ ފަރާތްތަކަށް ލިބިގެންދާނެ ފުރުސަތެކެވެ.

މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. އެގޮތުން ކޭޝް ކާޑުގެ ޕިން ނަމްބަރަށް މިހާރަށް ވުރެ ސަމާލުވެ، އޭޓީއެމްތަކުން ޚިދުމަތް ހޯދުމަށް ފަހު ޓްރާންސެކްޝަން ނިންމާލެވުނުކަން ޔަޤީން ކުރުމަށް ފަހު ނުކުތުން މުހިއްމެވެ.

ހަމަ އެއާއެކު އޭޓީއެމްތަކުގައި ތިބޭ ގޮތް ނޭނގޭ އަދި އިތުބާރު ނުކުރެވޭ ފަރާތްތަކުގެ އެހީތެރިކަން ހޯދައިގެން ފައިސާގެ މުޢާމަލާތް ނުހިންގުމަކީ ވެސް މިފަދަ ކަންކަން މަދުކުރުމަށްޓަކައި ކުރެވިދާނެކަމެވެ.
ކޭޝް ކާޑުގެ ޕިން ނަމްބަރަކީ ތިމާ ނޫން އެހެން އެއްވެސް މީހަކަށް އެނގިގެން ވާނެ އެއްޗެއް ނޫން ކަމަށްވާ އިރު ފިހާރައަކަށް ނުވަތަ ރެސްޓޯރަންޓަކުން ޚިދުމަތް ހޯދުމަށް ފަހު ޕިން ނަންބަރު ވެއިޓަރަށް ދިނުމުގެ ބަދަލުގައި އަމިއްލަ އަށް ގޮސް ޕިން ނަންބަރު ޖެހުމަކީ އެންމެ ރައްކާތެރި ގޮތެވެ.

މިފަދަ މައްސަލައެއް ފާހަގަ ކުރެވިއްޖެ ނަމަ ވަގުތުން އެކަން ފުލުހުންނާއި ކާޑުގެ ޚިދުމަތް ދޭ ފަރާތުގެ ސަމާލުކަމަށް ގެނައުމަކީވެ ވެސް ކުރެވިދާނެ ކަމެކެވެ.

މިފަދަ ކަންތައްތަކަކީ ފައިސާގެ މުޢާމަލާތްތައް ރައްކާތެރި ކަމާއެކު ހިންގުމަށާއި މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ.