Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

އެޓަލާންޓާ ރޮއްވާލުމަށްފަހު ޕީއެސްޖީ ސެމީ އަށް

ފަހު ވަގުތު ކާމިޔާބުކުރި ދެ ގޯލާއެކު 2-1 އިން އެޓަލާންޓާ ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ޕީއެސްޖީ ދަތުރުކޮށްފިއެވެ.

ޗެމްޕިއަންސް ލީގުގެ ބާކީ ހުރި ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިނީ ޕޯޗުގަލްގައި ކަމަށްވާއިރު ހުރިހާ މެޗެއް ވެސް ކުޅޭނީ އެއް ލެގަށެވެ.

އެގޮތުން ޕޯޗުގަލްގެ ލިސްބަންގައި ކުޅުނު ރޭގެ މެޗުގެ 25 ވަނަ މިނެޓްގައި މާރިއޯ ޕަސަލިޗް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ އެޓަލާންޓާ އަށް ލީޑު ނަގާދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ޕީއެސްޖީ އަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން ނޭމާ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މެޗުގެ ދެވަނަ ހާފްގައި ޕީއެސްޖީން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ދިޔައީ އެޓަލާންޓާގެ ފަހަތަށް ބާރު ބޮޑު ކުރަމުންނެވެ. އެގޮތުން ވަރުބަލި ކަމެއް ނެތި ޑިފެންސް ކުރަމުންދިޔަ އެޓަލާންޓާގެ ޑިފެންސް ފޫއަޅުވާލީ މެޗުގެ 90 ވަނަ މިނެޓްގައި ޕީއެސްޖީގެ ޑިފެންޑަރު މާކިއުނޯސް އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ނޭމާ ދިން ޕާހަކުންނެވެ.

އަދި އިތުރު ވަގުތުގެ ތެރޭގައި އެމްބާޕޭ ދިން ޕާހަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި ޗުޕޮ މޯޓިން ވަނީ ޕީއެސްޖީ މި މެޗުން މޮޅުކޮށްދީ ސެމީގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.

މިއީ 1995 ވަނަ އަހަރަށްފަހު ޕީއެސްޖީ މުބާރާތުގެ ސެމީ އަށް ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ ސެމީގައި ޕީއެސްޖީ ބައްދަލުކުރާނީ އެތްލެޓިކޯ މެޑްރިޑާއި ރެޑްބުލް ލީޕްޒިގް މިރޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.