Last Updated: April 25, 22:42
Friday, April 26, 2024
ކުޅިވަރު

ވިލިއަން އާސެނަލް އަށް ސޮއިކޮށްފި

ޗެލްސީ އަށް ކުޅެމުން އައި ބްރެޒިލްގެ ވިންގާ ވިލިއަން އާސެނަލް އަށް ބަދަލުވެއްޖެއެވެ.

އުމުރުން 32 އަހަރުގެ ވިލިއަން އާސެނަލް އަށް ބަދަލުވީ ފްރީ ޓްރާންސްފާއެއްގެ ދަށުން ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ވިލިއަން ސޮއިކުރުމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ވިލިއަން އަކީ ތަފާތެއް ގެނެސްދެވޭނެ ކުޅުންތެރިއެއް ކަމަށާއި ޓީމުގެ އެޓޭކް އިތުރަށް ވަރުގަދަ ކުރުމަށް ހާއްސަ ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ. އެގޮތުން ވިލިއަން އަކީ ތަފާތު އެތައް މަގާމަކަށް ކުޅެވޭނެ ފަދަ ކުޅުންތެރިއެއް ކަމަށާއި އަދި އެއީ ތަޖުރިބާ ހުރި ކުޅުންތެރިއެއްކަން ވެސް އާޓެޓާ ފާހަގަކުރިއެވެ.

2013 ވަނަ އަހަރު 30 މިލިއަން ޕައުންޑުގެ އަގަކަށް ޗެލްސީ އަށް ބަދަލުވި ވިލިއަން ވަނީ އެ ކްލަބަށް 339 މެޗު ކުޅެދީފައެވެ.

ވިލިއަން ވަނީ ޗެލްސީއާއެކު ޕްރިމިއާ ލީގު ދެ ފަހަރު، އެފްއޭކަޕަކާއި، އިނގިރޭސި ލީގު ކަޕެއްގެ އިތުރުން ޔޫރޮޕާ ލީގެއް ކާމިޔާބުކޮށްފައެވެ.