Last Updated: June 30, 21:19
Tuesday, June 30, 2026
ސިޔާސީ

ގާސިމާއި ޑރ. ހަސަންގެ ޓީމް މިއަދު އައްޑު އަށް!

ޖުމްހޫރީ ގުޅުމުގެ އިސްވެރިންނަށް މަރުހަބާ ކިޔަން ފޭދޫ ބަނދަރުމަތި ޒީނަތްތެރިކޮށްފައި. ފޮޓޯ/ ކިއުންތެރިއެއް

ޖުމްހުރީ ގުޅުމުގެ ބޮޑު ޖަލްސާއެއް ބޭއްވުމަށް ޖުމްހުރީ ޕާޓިގެ ރިއާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އާއި އެމަނިކުފާންގެ ރަނިންމޭޓް ޑރ. ހަސަން ސައިދު އާ އެކު ޖުމްހުރީ ގުޅުމުގެ ބޮޑު ޓީމެއް މިއަދު ހަވީރު އައްޑު އަށް އައުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޖުމްހުރީ ގުޅުމުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ގާސިމް އާއި ޑރ. ހަސަންގެ ޓީމު އައުމަށް ހަމަޖެހިފައި ވަނީ އެއާ ޓެކްސީގައި ފޭދޫ ބަނދަރަށެވެ. އަދި އެ ސަރަހައްދު ވަނީ ޖުމްހުރީ ގުޅުމުގެ ޓީމަށް މަރުހަބާ ދެންނެވުމަށް ތައްޔާރުވެފަ އެވެ.

މިއަދު އައްޑު އަށް ޒިޔާރަތް ކުރާ ޓީމުގައި ޖުމްހުރީ ޕާޓީ އާ ގުޅިވަޑައިގެންނެވި އިލްޔާސް އިބްރާހިމް އާއި އައްބާސް އިބްރާހިމްގެ އިތުރުން ސަމަރުބުލޫ އިބްރާހިމް މަނިކު އާއި އަދާލަތު ޕާޓީގެ ރައިސް ޝެއިހް އިމްރާން އާއި އެޕާޓީގެ ނައިބް ރައިސް ޝެއިހް މުހައްމަދު ދީދީގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ޖުމްހުރީ ޕާޓީގެ ނައިބް ލީޑަރު ގެމަނަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އިލްހާމް އަހުމަދާއި ޝިފާގު މުފީދު އާއި އަބްދުﷲ ކަމާލުއްދީން ހިމެނިވަޑައިގަންނަވަ އެވެ.

ޖުމްހުރީ ގުޅުމުގެ އައްޑޫގެ އިސް އޮފިޝަލަކު ވިދާޅުވީ މަރުހަބާ ދެންނެވުމުގެ ގޮތުން ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު ފޭދޫ ބަނދަރަށް ޖަމާވާނެ ކަމަށެވެ. އަދި މޫސުމް ގޯސް ނަމަވެސް މަރުހަބާ ދެންނެވުމުގެ ކަން ކަން ކުރިއަށް ގެންދާނެ ކަމަށެވެ.

ޖުމްހޫރީ ގުޅުމުގެ ބޮޑު ޖަލްސާއެއް މާދަމާ ރޭ ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ގާސިމް އެންމެ ފަހުން އައްޑު އަށް ޒިޔާރަތްކޮށްފައި ވަނީ މިއަހަރު ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.