Last Updated: July 23, 09:56
Thursday, July 23, 2026
ކުޅިވަރު

ސިޓީ ސިއްސުވާލުމަށްފަހު ލިޔޯން ސެމީ އަށް

1-3 އިން މެންޗެސްޓަރ ސިޓީ ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ލިޔޯން ދަތުރުކޮށްފިއެވެ.

މިއީ 2010 ވަނަ އަހަރަށްފަހު މި މުބާރާތުގެ ސެމީ އަށް ލިޔޯން ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ޕޯޗުގަލްގައި މިރޭ ކުޅުނު ކުއާޓާފައިނަލްގެ މި މެޗުގެ 24 ވަނަ މިނެޓްގައި މެކްސްވެލް ކޯނެޓް ވަނީ ލިޔޯން އަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ސިޓީން ލިޔޯންގެ ގޯލަށް ނުރައްކާ ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ވަނީ ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

ލިޔޯން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 69 ވަނަ މިނެޓްގައި ރަހީމް ސްޓާލިން ދިން ޕާހަކުން ކެވިން ޑެ ބްރައިނާ ވަނީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ލީޑު ނަގައިދޭން ގެބްރިއަލް ޖީސެސް އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވާއިރު މެޗުގެ 79 ވަނަ މިނެޓްގައި ޑެމްބެލޭ ވަނީ ލިޔޯން އަށް އަލުން ލީޑު ނަގާދީފައެވެ.

މި ގޯލު ކާމިޔާބުކުރިތާ އިރުކޮޅެއް ފަހުން ސްޓާލިން އަށް ވަނީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދޭން މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ލިޔޯންގެ ގޯލު ކުރިމަތީ ހުހަށް ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

ސްޓާލިން އަށް ލިބުނު މި ފުރުސަތުގެ ބޭނުން ނުހިފުނުތާ މާގިނަ އިރުތަކެއް ނުވަނީސް ޑެމްބެލޭ ވަނީ ލިޔޯންގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މުބާރާތުގެ ސެމީން އެޓީމަށް ޖާގައެއް ކަށަވަރުކޮށްދީފައެވެ.

މުބާރާތުގެ ސެމީގައި ލިޔޯން ނިކުންނާނީ ބާސެލޯނާ ބަލިކުރުމަށްފަހު ސެމީން ޖާގަ ހޯދި ބަޔާން މިއުނިކާއި ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރެއެވެ. މުބާރާތުގެ އަނެއް ސެމީގައި ބައްދަލުކުރާނީ ޕީއެސްޖީ އާއި ރެޑްބުލް ލީޕްޒެގެވެ.