Last Updated: May 5, 10:33
Monday, May 5, 2025
ޚަބަރު

ތިނަދޫ ހޮސްޕިޓަލު ބޮޑު ކުރުމުގެ މަސައްކަތް ފަށައިފި

ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޖާގަ ބޮޑު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ހެލްތު މިނިސްޓްރީން ހަވާލުކޮށްފައި ވަނީ ސަރުކާރުގެ ކޮންސްޓަރްކްޝަން މަސައްކަތް ކުރާ އެމްޓީސީސީއާއެވެ. އެމްޓީސީސީން ބުނީ މަސައްކަތް ކުރާ ސަރަހައްދު ހުސްކޮށް ސާފު ކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަަމށެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެ މަސައްކަތުގެ ދަށުން އެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމާ ލެބޯރަޓަރީއާ އޯޕީޑީ އަދި ޕްރައިވެޓު ރޫމުތައް ބޮޑު ކުރާނެއެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 33.5 މިލިއަން ރުފިޔާއަށެވެ. ތިނަދޫ ހޮސްޕިޓަލުގައި ގދ. އަދި ގއ. އަތޮޅުގައި ހުންނަ ސިއްހީ ހިދުމަތްދޭ އެންމެ ބޮޑު ހޮސްޕިޓަލެވެ.

ދާދިފަހުން އެ ހޮސްޕިޓަލުގައި ވެސް ކޮވިޑް 19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުގައި ޓާޝަރީ ފެންވަރުގެ ފަސް ހޮސްޕިޓަލު ތަރައްގީ ކުރުމެވެ.