2-1 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިކުރުމަށްފަހު ޔޫރޮޕާ ލީގުގެ ފައިނަލަށް ސެވިއްޔާ ދަތުރުކޮށްފިއެވެ.
ޖަރުމަނުގައި ރޭ ކުޅުނު މި މެޗުގެ 9 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ބްރޫނޯ ފާނަންޑޭސް ވަނީ ޔުނައިޓެޑަށް ލީޑު ނަގާދީފައެވެ. މި ޕެނަލްޓީ ޔުނައިޓެޑަށް ލިބިފައިވަނީ ސެވިއްޔާގެ ކުޅުންތެރިއަކު ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މި ގޯލާއެކު ސެވިއްޔާ އިން ކުޅުން ވަރަށް ބޮޑަށް ރަނގަޅު ކުރިއިރު މެޗުގެ 26 ވަނަ މިނެޓްގައި ސޫސޯ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ޔުނައިޓެޑަށް ވަނީ ކައިރިކައިރީގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.
އެގޮތުން ޔުނައިޓެޑުން ފޮނުވާލި ގިނަ ހަމަލާތައް ދިފާއުކުރުމުގައި ސެވިއްޔާގެ ކީޕަރުގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ. މި މެޗުން ސެވިއްޔާ މޮޅުވި ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުން އެރި ލޫކް ޑި ޔޯންގް އެވެ.
ފަހު 10 މިނެޓްތެރޭ ނަތީޖާ އެއްވަރުކުރަން ޔުނައިޓެޑުން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވެ އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.
މިއީ މި ސީޒަނުގައި ޔުނައިޓެޑުން ސެމީފައިނަލާއި ހިސާބުން ނިންމާލަން ޖެހުނު ތިންވަނަ މުބާރާތްކަން ފާހަގަކޮށްލެވެއެވެ.
މުބާރާތުގެ ފައިނަލްގައި ސެވިއްޔާ ބައްދަލުކުރާނީ އިންޓަ މިލާނާއި ޝަހްތަރު ޑޮނެޓްސްކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.