Last Updated: July 22, 18:06
Thursday, July 23, 2026
ކުޅިވަރު

ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ 90 ޕަސެންޓު މަސައްކަތް ނިމިއްޖެ

އައްޑޫ ސިޓީ ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫޢުގެ 90 ޕަސެންޓު މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތުގެ ތެރެއިން ގައު އެތުރުމާއި ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ކާނުގެ މަތިގަނޑު އެޅުމުގެ މަސައްކަތާއި ޕޭވްމަންޓް ގައު އެތުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން 8103 ސްކްއަރ މީޓަރު ސަރަހައްދެއް ސާފުކުރުމާއި ކޮނުމާއި، ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢަކީ ޔޫތު މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2.49 މިލިއަން ރުފިޔާ އަށެވެ.