ޖުމްހުރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އާއި ރަނިންމޭޓް ޑރ. ހަސަން ސައީދު އާއި ޖުމްހުރީ ގުޅުމުން އައި ޓީމަށް އައްޑޫން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
ފޭދޫ ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަށް ގާސިމް އާއި ޖުމްހުރީ ގުޅުމުގެ ޓީމު ވަޑައިގަތީ ދޯންޏެއްގައެވެ. ގަމުގެ ވައިގެ ބަނދަރަށް ފްލައިޓްގައި ވަޑައިތުމަށް ފަހު ގަމުގެ ވީއައިޕީ ބަނދަރުން ގާސިމްގެ ޓީމު ވަނީ ދޯންޏެއްގައި ފޭދޫ ބަނދަރަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކޮށްފަ އެވެ.
ގާސިމް ވިދާޅުވީ "އަޅުގަނޑުމެންނަކީ ފަނާ ކުރާ ބައެއް ނޫން" ކަމަށާއި "ބިނާ ކުރާ ބައެއް" ކަމަށެވެ.
އެހެންވެ ރައްޔިތުން އެދޭ ތަރައްގީ އާއި ކުރިއެރުން ހޯދައި ދިނުމަށް އިހުލާސްތެރިކަމާ އެކު ޖުމްހޫރީ ގުޅުމުގެ ވެރިކަމުގައި މަސައަކަތް ކުރައްވާނެ ކަމުގެ ޔަގީނަކަން އޭނާ ވަނީ ދެއްވައިފަ އެވެ.
ޖުމްހުރީ ގުޅުމުން ކުރިން ބުނެފައިވަނީ ގާސިމްގެ ޓީމް އައްޑޫއަށް ވަޑައިގަންނަވާނީ އެއާޓެކްސީގެ ބޯޓުގައި ކަމަށެވެ. ނަމަވެސް އެކަން ފަހުން ވަނީ ކެންސަލް ކޮށްފައެވެ.
ގާސިމްގެ ޓީމަށް މަރުހަބާ ދެންނެވުމަށް ފޭދޫ ތިނެއް ޖެހީއްސުރެން ފެށިގެން މީހުން ޖަމާވަމުން ދިޔައެވެ. އަދި ހަވީރު 4:00 ޖަހާއިރު ފެށެން އޮތް ރަސްމިއްޔާތު ހަވީރު 5:45 އާއި ހަމައަށް ލަސްވެގެން ދިޔައެވެ.
ޖުމްހުރީ ގުޅުމުގެ ސަޕޯޓަރުން ފޭދޫ ބަނދަރު ސަރަހައްދަށް ޖަމާވަމުން ދިޔައީ ވެހެމުން ދިޔަ ވާރޭގަ އެވެ.
ގާސިމްގެ ޓީމަށް މަރުހަބާ ދެންނެވުމަށް ޖަމާވި ސަޕޯޓަރުންނާއި މުހާޠަބު ކުރަމުން އިމާދު ސޯލިހް ވިދާޅުވީ އައްޑޫގެ ބޮޑު މަންޒަރު މިހާރު އިދިކޮޅު ފަރާތްތަކަށް ފެނިގެންދާނެކަމަށެވެ. އަދި ގާސިމް އަށް އައްޑޫގެ މެޖޯރިޓީ ވޯޓު ލިބޭނެކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ޖަލްސާއިން މާލެ ފަތަހަ ވެއްޖެކަމަށާއި މާދަމާ ރޭ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބާއްވާ ޖަލްސާގައި އައްޑޫ ފަތަހަ ކުރައްވާނެކަމަށެވެ.
ގާސިމްގެ ޓީމަށް މަރުހަބާ ދެންނެވުމުގެ ގޮތުން ހުޅުމީދޫން ވެސް ގިނަ ބަޔަކު ވަނީ ފޭދޫ ބަނދަރަށް އައިސްފައެވެ. ހުޅުމީދޫން އައި މީހުންނާއި އެކު ޖުމްހުރީ ޕާޓިގެ ނައިބް ލީޑަރ ޑރ. ޑީޑީ ހިމެނިވަޑައިގަތެވެ.