Last Updated: July 22, 18:06
Thursday, July 23, 2026
ކުޅިވަރު

ބޮޑު މޮޅަކާއެކު އިންޓަ ފައިނަލަށް

ޝަހްތަރު ޑޮނެޓްކްސްގެ މައްޗަށް 5-0 އިން ކުރި ހޯދައި ޔޫރޮޕާ ލީގުގެ ފައިނަލަށް އިންޓަ މިލާން ދަތުރުކޮށްފިއެވެ.

އިންޓަގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 19 ވަނަ މިނެޓްގައެވެ. އެގޮތުން ބަރެއްލާ ނަގައިދިން ހުރަހަކުން މި ގޯލު އިންޓަ އަށް ކާމިޔާބުކޮށްދިނީ ލައުޓާރޯ މާޓިނޭޒް އެވެ.

އިންޓަގެ ދެވަނަ ގޯލު މެޗުގެ 64 ވަނަ މިނެޓްގައި ޑެ އެމްބްރޯސިއޯ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާޓިނޭޒް އެވެ. އަދި އިންޓަގެ ފަހު ދެ ގޯލު މެޗުގެ 78 އަދި 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ.

މިއީ ޔޫރޮޕާ ލީގުގެ ސެމީފައިނަލް މެޗެއް މިހާ ބޮޑު ތަފާތަކުން ޓީމަކުން ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މުބާރާތުގެ ފައިނަލްގައި އަންނަ ހުކުރު ދުވަހުގެރޭ އިންޓަ ނިކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ. މިއީ 2011 ވަނަ އަހަރަށްފަހު ތަށްޓެއް ހޯދުމަށް އިންޓަ އަށް ލިބިފައިވާ ފުރަތަމަ ފުރުސަތެވެ.