Last Updated: July 22, 18:06
Thursday, July 23, 2026
ކުޅިވަރު

ލިޔޯން ބަލިކޮށް ބަޔާން ފައިނަލަށް

3-0 އިން ލިޔޯން ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ބަޔާން މިއުނިކް ދަތުރުކޮށްފިއެވެ.

މިއީ 2013 ވަނަ އަހަރަށްފަހު މި މުބާރާތުގެ ފައިނަލަށް ބަޔާން ދަތުރުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، ފައިނަލްގައި އެ ޓީމު ނިކުންނާނީ ޕީއެސްޖީއާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ.

ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ލިޔޯން އަށް ވަނީ ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުވެފައެވެ. އެގޮތުން އެޓީމުގެ ކެޕްޓަން މެމްފިސް ޑެޕާއި ފޮނުވާލި ހަމަލާ ގޯލުގެ ދަނޑި ކައިރިން ބޭރަށް ދިޔައިރު އެޓީމުގެ ފޯވާޑް އެކަމްބީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

މި ފުރުސަތުތަކުގެ ބޭނުން ލިޔޯން އަށް ނުހިފުނުއިރު މެޗުގެ 18 ވަނަ މިނެޓްގައި ސާޖް ގްނެބްރީ ވަނީ ހިތްގައިމު ގޯލަކާއެކު ބަޔާނަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 33 ވަނަ މިނެޓްގައި ބަޔާންގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ގްނެބްރީ އެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ބަޔާން އިން ނިންމާލިއިރު ނަތީޖާގެ ފަރަގު ކުޑަކުރަން ދެވަނަ ހާފްގައި ވެސް ލިޔޯންގެ އެކަމްބީ އަށް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ ދިފާއުކުރީ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާއެވެ.

މި މެޗުގައި ބަޔާން އިން ކާމިޔާބުކުރި ތިންވަނަ ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮބަޓް ލެވެންޑޯސްކީ އެވެ. މިއީ އޭނާ މި ސީޒަނުގައި ކާމިޔާބުކުރި 55 ވަނަ ގޯލެވެ.

އާދީއްތަ ދުވަހުގެރޭ ޕީއެސްޖީއާ ދެކޮޅަށް ބަޔާން ނިކުންނައިރު، މިއީ ޔޫރަޕްގެ މުބާރާތެއްގެ ފައިނަލެއްގައި ބަޔާން އިން ކުޅޭ 11 ވަނަ ފަހަރެވެ.