Last Updated: June 9, 10:37
Tuesday, June 9, 2026
ސިޔާސީ

"އައްޑޫ ފަތަހަ" ކުރާ ޖަލްސާ މާދަމާ ރޭ

ޑރ. ހަސަން ސައީދު ޖުމްހުރީ ޕާޓީގެ ރަނިން މޭޓްގެ ގޮތުގައި އައްޑޫއަށް ވަޑައިގެން. ފޮޓޯ: އައްޑޫލައިވް

ޖުމްހޫރީ ގުޅުމުން "އައްޑޫ ފަތަހަ ކުރަން" ބާއްވާ ބޮޑު ޖަލްސާ މާދަމާ ރޭ ހިތަދޫގައި ބާއްވަން ނިންމައިފި އެވެ.

ޖުމްހޫރީ ގުޅުމުގެ ކޯލިޝަނުގައި ހިމެނޭ ގައުމީ ޕާޓީގެ ނައިބް ރައީސް އިމާދު ސޯލިހް ވިދާޅުވީ އެ ޖަލްސާ ފަށާނީ މާދަމާ ރޭ 9:00 ޖަހާ އިރު ހިތަދޫ ކޮންވެންޝަން ސެންޓަރުގައި ކަމަށެވެ.

އެހެންވެ ޖުމްހޫރީ ގުޅުމަށް ތާއީދު ކުރާ ފަރާތްތަކުން 8:45 އަށް ޖަލްސާ އޮންނަ ތަނަށް ދިއުމަށް އިމާދު ވަނީ އެދިވަޑައިގެންފަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ އައްޑޫ ބާއްވާ ބޮޑު ޖަލްސާއަކީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ފަދަ ބޮޑު ޖަލްސާއެއް ކަމަށެވެ. އަދި މިކަމުން ބޮޑު މަންޒަަރު އިދިކޮޅު ފަރާތްތަކަށް ފެނިގެން ދާނެ ކަމަށް ވެސް އިމާދު ވިދާޅުވި އެވެ.

އިމާދު އިތުރަށް ވިދާޅުވީ މާދަމާ ރޭގެ ޖަލްސާ ކުރިއަށް ގެންދާ އިރު ސައިން ލޭންގުއޭޖުން ޖަލްސާގައި ދައްކާ ވާހަކަ ކިޔައިދެމުން ގެންދާނެ ކަމަށެވެ.