Last Updated: July 22, 18:06
Thursday, July 23, 2026
ކުޅިވަރު

ފުލުހަކަށް ހަމަލާދިން މައްސަލާގައި މެގުއާ ހައްޔަރުކޮށްފި

ގްރީސްގެ ފުލުހަކަށް ހަމަލާދިން މައްސަލާގައި މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ހައްޔަރުކޮށްފިއެވެ.

ޗުއްޓީ ހޭދަކުރުމަށް ގްރީސްގައި މިވަގުތު މެގުއާ ހުރިއިރު، ގްރީސްގެ ދައުލަތުގެ ޓީވީ އަށް މައުލޫމާތުދެމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އިނގިރޭސި ދެ ގްރޫޕެއްގެ ދެމެދުގައި ރޭ ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލް ކުރުމަށް ފުލުހުން ދިޔުމުން ތިން މީހަކު ރައްދުގައި ހަމަލާދިން ކަމަށެވެ.

އެ ތިން މީހުން ވެސް ހައްޔަރުކޮށްފައިވާއިރު އޭގެތެރޭގައި މެގުއާ ވެސް ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"މެގުއާ، ފުލުސް އޮފިސަރާއި ހަޑި ހުތުރު ބަހުން މުއާމަލާތް ވެސް ކުރި. އޭގެފަހުން އޭނާ އަށް ހަމަލާވެސް ދިން" އޮފިޝަލް ވިދާޅުވިއެވެ.

އަދި މި މައްސަލައިގައި އެ ތިން މީހުންނަށް ދައުވާ ކުރާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ މިފަދަ ކަމެއް ހިނގައިގެން އުޅޭކަން ކްލަބަށް އެނގިފައިވާ ކަމަށާއި މެގުއާ އާއި ކްލަބުން ވާހަކަދައްކާފައިވާ ކަމަށެވެ. އަދި ގްރީސްގެ ކަމާބެހޭ ފަރާތްތަކަށް އޭނާ އެއްބާރުލުން ދެމުންދާ ކަމަށްވެސް ޔުނައިޓެޑްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޗުއްޓީ ހޭދަކުރުމަށް މެގުއާ ގްރީސް އަށް ގޮސްފައިވަނީ ޔޫރޮޕާ ލީގުގެ ސެމީފައިނަލުން ސެވިއްޔާ އަތުން 2-1 އިން ބަލިވެ މުބާރާތުން ކެޓުމާ ގުޅިގެންނެވެ.