Last Updated: July 22, 18:06
Thursday, July 23, 2026
ކުޅިވަރު

އިންޓަ ބަލިކޮށް ސެވިއްޔާ އިން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

3-2 އިން އިންޓަ މިލާން ބަލިކުރުމަށްފަހު ސެވިއްޔާ އިން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ޖަރުމަނުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފަސްވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ރޮމެލޫ ލުކާކޫ ވަނީ އިންޓަ އަށް ލީޑު ނަގާދީފައެވެ. މި ޕެނަލްޓީ ލިބިފައިވަނީ ސެވިއްޔާގެ ކުޅުންތެރިއަކު ލުކާކޫ އަށް ކުރި ފައުލަކާ ގުޅިގެންނެވެ. ނަމަވެސް މެޗުގެ 12 ވަނަ މިނެޓްގައި ލޫކް ޑި ޔޮންގް ވަނީ ސެވިއްޔާ އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި މެޗުގެ 33 ވަނަ މިނެޓްގައި ޑި ޔޮންގް ސެވިއްޔާ އަށް ލީޑު ނަގައިދިންއިރު، އޭގެ ދެ މިނެޓްފަހުން އިންޓަގެ ތަޖުރިބާކާރު ޑިފެންޑަރު ޑިއޭގޯ ގޮޑީން ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ލުކާކޫ އަށް ވަނީ އިންޓަ އަށް އަލުން ލީޑު ނަގައިދޭން ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ސެވިއްޔާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ލުކާކޫ އަށް މި ފުރުސަތުގެ ބޭނުން ނުހިފުނުއިރު މެޗުގެ 74 ވަނަ މިނެޓްގައި ސެވިއްޔާ އިން ވަނީ މި މެޗުން އެޓީމު މޮޅުވި ގޯލު ކާމިޔާބުކޮށްފައެވެ. މި ގޯލަކީ ލުކާކޫ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މެޗުގެ ފަހު 10 މިނެޓްގައި ނަތީޖާ އެއްވަރުކުރަން އިންޓަ އިން މަސައްކަތް ކުރި ނަމަވެސް އެޓީމަށް މާ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

މިއީ ސްޕެއިންގެ ސެވިއްޔާ އިން ޔޫރޮޕާ ލީގު ކާމިޔާބުކުރި ހަވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.