Last Updated: July 22, 18:06
Thursday, July 23, 2026
ކުޅިވަރު

ފޭދޫ ފަތާ ޓްރެކްގެ މަސައްކަތް ނިންމާލައިފި

އައްޑޫ ސިޓީ ފޭދޫގައި އެޅި ފަތާ ޓްރެކްގެ މަސައްކަތް ނިންމާލައިފިއެވެ.

ޔޫތް މިނިސްޓަރު އަޙްމަދު މަޙްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ފޭދޫ ފަތާ ޓްރެކްގެ މަސައްކަތަށް ދިމާވި ހުރަސްތަކަށްފަހު މަސައްކަތް އެއްކޮށް ނިންމާލެވުނީތީ އުފާކުރާ ކަމަށެވެ.

އަދި މަސައްކަތަށް ސްވިމިންގ އެސޯސިއޭޝަނާއި، އައްޑޫ ޕޮލިހާއި، އައްޑޫ ސިޓީ ކައުންސިލާއި، ޔޫތު ސެންޓަރާއި، ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދުގެ އިތުރުން އެ ސިޓީގެ ޒުވާނުން ދެއްވި އެއްބާރުލުމަށް މަހުލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފޭދޫ ފަތާ ޓްރެކްގެ މަސައްކަތް ސްވިމިންގ އެސޯސިއޭޝަނާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔައިރު މި މަސައްކަތަށް ޔޫތް މިނިސްޓްރީން ވަނީ 763،700 ރުފިޔާ ޚަރަދުކޮށްފައެވެ.

މީގެކުރިން ހއ. ދިއްދޫ އާއި ހދ. ކުޅުދުއްފުށީގެ އިތުރުން އައްޑޫ ސިޓީ މީދޫގައި ޔޫތް މިނިސްޓްރީގެ ފަރާތުން ވަނީ ސްވިމިންގ ޓްރެކް ގާއިމުކޮށްފައެވެ.