އުރީދޫ މޯލްޑިވްސްއިން "އަތޮޅު ރަން" ގެ ނަމުގައި ބާއްވާ ވަރޗުއަލް ރަންގައި ބައިވެރިވުމަށް މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފިއެވެ.
މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ރަން އަކީ އުރީދޫ މޯލްޑިވްސް އިން ދިވެހިންނާއި އެކު ކާމިޔާބު 15 އަހަރު ފުރިހަމަކުރުމުގެ އުފަލުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ހާއްސަ އިވެންޓެއް ކަމަށް އުރީދޫން ހާމަކުރެއެވެ.
މި ދުވުން ކުރިއަށް ގެންދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ފަސް ކިލޯ މީޓަރު ދުވުމުގައި ބައިވެރިވާން ބޭނުންވާ އެންމެންނަށް ވެސް ބައިވެރިވެވޭނެ އެވެ. ފަސް ކިލޯމީޓަރު ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާރްތަކަށް އެ ފުރުސަތު އުރީދޫން މިހާރު ހުޅުވާލާފައިވާއިރު އެ ފުރުސަތު މި މަހުގެ 27 ގެ ނިޔަލަށް އޮންނާނެ ކަމަށް އުރީދޫން ބުނެއެވެ.
މި ދުވުމުގެ ދެވަނަ ކެޓެގަރީ އަކީ 15 ކިލޯ މިޓަރު ރިލޭ ކަމަށްވާއިރު އެ ކެޓެގަރީގައި ބައިވެރިވާނީ އުރީދޫއިން ކޮންމެ އަތޮޅަކުން ވެސް ކަނޑައަޅާ އެ އަތޮޅަކަށް ނިސްބަތްވާ 20 ދުވުންތެރިއެކެވެ.
މި ހަރަކާތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު، މިއީ ރާއްޖޭގައި މިގޮތަށް ބޭއްވޭ ފުރަތަމަ ވާޗުއަލް ދުވުމެވެ.
މި ދުވުން ބާއްވާނީ މި މަހު 28 ވަނަ ދުވަހުގެ ރޭ 12 އިން އިން 29 ވަނަ ދުވަހުގެ ރޭ 12އާ ހަމައަށެވެ.