0-1 އިން ޕީއެސްޖީ ބަލިކޮށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ބަޔާން މިއުނިކުން ހޯދައިފިއެވެ.
ރޭ ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގެ ފުރަތަމަ ހާފްގައި ޕީއެސްޖީން ރަނގަޅަށް ކުޅެ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ.
އެގޮތުން ޕީއެސްޖީގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ އާއި ނޭމާ ފޮނުވާލި ހަމަލާތައް ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ވަނީ ދިފާއުކޮށްފައެވެ. އަދި ޕީއެސްޖީގެ ޑިމަރިޔާ އަށް ވެސް މި ހާފުގައި ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ބަޔާން އިން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 59 ވަނަ މިނެޓްގައި ކިންގްސްލީ ކޯމަން ވަނީ މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ބަޔާނަށް ކާމިޔާބުކޮށްދީފައެވެ.
މި ގޯލަށްފަހު ވެސް ބަޔާން އިން ރަނގަޅަށް ކުޅުނުއިރު މެޗުގެ ފަހު 10 ވަރަކަށް މިނެޓްތެރޭ ޕީއެސްޖީން ނަތީޖާ އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ބަޔާންގެ ގޯލަށް މާބޮޑު ނުރައްކަލެއް އެޓީމަށް ކުރެވޭ ގޮތް ވަނީ ނުވެފައެވެ.
މިއީ ބަޔާނުން މި މުބާރާތް ކާމިޔާބުކުރި ހަވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަދި މިއީ މި ސީޒަނުގައި ބަޔާން އިން ކާމިޔާބުކުރީ ތިންވަނަ ތަށްޓެވެ. އެޓީމުން ވަނީ މި ސީޒަނުގެ ޖަރުމަނު ލީގާއި ޖަރުމަނު ކަޕް ވެސް ކާމިޔާބުކޮށްްފައެވެ. ފައިނަލުން ޕީއެސްޖީ ބަލިވިއިރު މިއީ މި މުބާރާތުގެ ފައިނަލަށް އެޓީމު ދަތުރުކުރި ފުރަތަމަ ފަހަރެވެ. ޕީއެސްޖީން ވަނީ މި ސީޒަނުގެ ފްރެންޗު ލީގު ކާމިޔާބުކޮށްފައެވެ.