ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ނަމަށް ޖުޑީޝަރީ ކޮމެޓީން ރުހުން ދީފިއެވެ.
ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވީ އަލީ ރަޝީދު ހުސައިންއާއި ޑރ. މުހައްމަދު އިބްރާހިމްގެ ނަންފުޅެވެ. މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ ޖޭއެސްސީގެ ލަފަޔާއެކުއެވެ. މި ދެބޭފުޅުންނަށް ރުހުން ދެއްވުމަށް ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ވަކިވަކިން ވަނީ ވޯޓަށް އަހާފައެވެ. އަދި ދެބޭފުޅުންގެ ނަން ވަނީ ފާސްކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ހަތް ފަނޑިޔާރުންނަށް ބެންޗު ވަނީ ބަދަލުކޮށްފައެވެ. މިހާރު އެ ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުންނެވެ. ހުސްވެފައިވާ ދެ މަގާމަށް މީގެކުރިން ރައީސް ސޯލިހު އައްޔަން ކުރެއްވުމަށް މަސައްކަތް ކުރެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒާއި ހައިކޯޓުގެ ފަނޑިޔާރު ރައޫފެވެ.
ގާޒީ އަލީ ރަޝީދު ވަނީ ޖިނާއީ ކޯޓުގައި ގާޒީ ކަމުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީކަން އަދާ ކުރައްވާފައެވެ.
ޑރ. މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝިއަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.