Last Updated: May 8, 22:22
Wednesday, May 8, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(އޮގަސްޓް 23، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

"އަހަރެން އަދިވެސް އަހަރެންގެ ދަރިފުޅު އުނައިސްގެ ފަރާތުން މިކަމުގެ އެއްވެސް އެހީއެއް ބޭނުމެއް ނޫން. ޔޫނުސް ވަނީ ބަރުބާދުވެފަ. އަދިވެސް ޔޫނުސް އަށް ތެދުވެވޭނެ. މިކަމުގަ އަހަރެން ދޫކޮށް ދިޔަ ދަރިއެއްގެ އެހީ ނަގާކަށް އަހަރެން ބޭނުމެއް ނޫން. އަމިއްލައަށް މިކަން ތަސް ތަހައްމަލު ކުުމުގެ ބާރު އެބަ އޮތް އަހަރެންގެ." އުނައިސް އަށް ބައްޕަގެ މި ވާހަކަ އަޑު އިވުމުން ވަރަށް ދެރަވި އެވެ.

އޭނާ ހީކުރީ ބައްޕަ އޮފީހުގައި އެ އިންނެވީ އޭނާގެ އިންތިޒާރުގައި ކަމަށެވެ. އޭނާ މަޑުމަޑުން އޮފީހުން ނިކުތްތަން ވަހީދާ އަށް ފެނުނެވެ.
ދެންމެ ޔޫނުސް އެ ބުނި ވާހަކަތަށް ތީރެއްހެން ވަހީދާގެ މެއަށް ހެރުނެވެ. ޔޫނުސް ކޮންމެ ގޮތަކަށް ކަންތަށް ކުރިއަސް އުނައިސް އެ ހުންނަނީ އެ މީހުންގެ ކަންތައް ރަނގަޅު ކުރަން އައިހެވެ.

"ދަރިފުޅާ ބައްޕަގެ ވާހަަކަ އާ މެދު ހިތްބުރަ ނުކުރާތި އިނގޭ."

"މަންމާ ބައްޕަ ދެންމެ ދެއްކި ވާހަކަ އާ މެދު ކުޑަކޮށް ވެސް އަހަރެންގެ ހިތް ބަރެއް ނޫން. އަހަރެން ކުޑަ އިރު ވެސް އެ ގޮތަށް ބައްްޕަ އަހަރެން ދެކެ ރުޅި އާދޭ. އެކަމަކު އަހަރެން ބައްޕަ ކައިރިޔަށް ގޮސް ލޯބިން މާފަށް އެދޭ އިރަށް އުނގަށް އަރުވާ ބައްޕަ އަހަރެންނަށް މާފުކުރޭ. މިހާރު މި ވީގޮތަކީ އަހަރެން ރުޅި އައިސްގެން ބައްޕަ ދާށޭ ބުނީމާ ގެއިން ނުކުމެގެން ދިޔުން. އެ ގޮތަށް ނުގޮސް އަހަރެން ބައްޕަ ކައިރިން މާފަށް އެދުނު ނަމަ ޔަގީނުން ވެސް ބައްޕަ އަހަރެންނަށް މާފުކުރީސް. އެކަމަކު އަހަރެން ވެސް ބޮޑާވެފަ ދިޔައީ. މި ގެއަށް މިދި މާވި ހުރިހާ ކަމެއްގެ ޒިންމާ އަހަރެން އަޅަނީ އަހަރެންގެ ބޮލުގަ." މިހެން ބުނެލާފައި އުނައިސް މަންމަގެ ކޮނޑުގަ ބޯ އަޅައިގެން އެތަށް އިރެއް ވަންދެން ކަރުނަ އޮހޮރުވި އެވެ.

ވަހީދާ އޭނާ ހުއްޓުވާކަށް ނޫޅެ އެވެ. އެ ވަގުތު ނަމާދުގެ ބަންގިީގެ އޑު އިވުމާއެކު އުނައިސް ނަމާދަށް ދަނީއޭ ބުނެ ކަރުނަ ފޮހެލަމުން ގެއިން ނިކުމެގެން ދިޔައީ އެވެ. އިރުކޮޅަކުން ލޯޔަރު ވެސް ޔޫނުސް ކައިރީ ނަމާދުކޮށްގެން އެބަ އަންނަމޭ ބުނެފައި ދިޔައީ އެވެ.

"އަހަރެން ވަގުތު ކޮޅެއް ބޭނުން." ވަހީދާ ވަރަށް ހަރުކަށި ރާގަކަށް ޔޫނުސް އާ ދިމާލަށް ބަލާލަފައި ބުނެލިއެވެ. ޔޫނުސް ވެސް ސިހިފައި ވަހިދާ އާ ވީފަރާތަށް އެނބުރުނެވެ.

"ޔޫނުސް ކިބުރުވެރިކަމާ ބޮޑާކަން މީހާ ހަލާކުކޮށް ލާނެ. އުނައިސް ކިހާ ވަރަކުން އަހަރެމެންނާ ހެދި މިހާރު އެ އުޅެނީ. ބައެއް ފަހަރަށް އަހަރެންނަށް ހީވަނީ އުނައިސް އާ މެދުގަ ކަންތައް ތި ކުރެއްވޭ ގޮތް ރަނގަޅު ނޫންހެން. ކަލާ އަށް މިކަން ރޭކާލާ އިރު މާލަސް ވެދާނެތީ އަޅުގަނޑު ވަރަށް ބިރު ގަނޭ،" ވަހީދާ ފެންކަޅިވެފައި ވާހަކަ ދެއްކި އެވެ. "އުނައިސް އާ މެދު ނަފުރަތުގެ ބެލުމަކުން ނުބަލާ. ލޯތްބާ އޯގާތެރިކަމާ އެކު މުއާމަލާތް ކުރުން އަޅުގަނޑަށް ފެނޭ. އެއީ ވެސް އަހަރެމެންގެ ދަރިއެއް. އަދި ހުރި ހަމައެކަނި ފިރިހެން ދަރިފުޅު. އޭނާ ރޯތަން ދެކެން އަހަރެންނަށް ކުޅަދާނައެއް ނޫން. ސަބަބަކީ އަޅުގަނޑަކީ އޭނާ ބަނޑު އަޅައި ވިހޭ މައި މީހާއަށް ވީކަން. އެއްވެސް ހާލަތެއްގަ އޭނާ ކަރުނަ އަޅާ ރޯތަން ދެކެން ފަސޭހައެއް ނޫން."

(ނުނިމޭ)