Last Updated: July 22, 18:06
Thursday, July 23, 2026
ކުޅިވަރު

ބާސާ ދޫކޮށްލަން މެސީ ނިންމައިފި

ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާކަން ލިއޮނަލް މެސީ އެ ކްލަބަށް މިއަދު އަންގައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސްޕެއިންގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުން މެސީ ވަނީ މިއަދުގެ ވަގުތެއްގައި މި ޓްރާންސްފާ މާކެޓުގައި އެ ކްލަބު ދޫކޮށްލަން ބޭނުންވާކަން ބާސާ އަށް އަންގާފައެވެ. އެގޮތުން ބާސާއާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓުގައި އޭނާ އެ ކްލަބު ދޫކޮށްލަން ބޭނުންވެއްޖެ ހިނދެއްގައި ފްރީ ޓްރާންސްފާއެއްގެ ދަށުން ދެވޭނެ ފަދަ ކްލައުސް އެއް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ކްލައުސް އަށް އަމަލުކުރުމުގެ އެންމެފަހުގެ ތާރީހަކީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަސް ކަމަށްވާއިރު، ރިޕޯޓުތައް ބުނާގޮތުން މި ސީޒަން ނިމުނީ އޮގަސްޓުގައި ކަމަށްވާތީ އެ ކްލައުސް އަށް އަމަލުކުރަން ބާސާ އިން ޖެހޭނެ ކަމަށް މެސީ ގަބޫލުކުރެއެވެ.

ބާސާ ދޫކޮށްލަން ބޭނުންވާކަން މެސީ އެންގުމުން އެ ކްލަބުގެ ކުއްލި ބޯޑު ބައްދަލުވުމެއް މިރޭގެ ވަގުތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މެސީ އާއި ބާސާގެ ބޯޑާއި ދެމެދު ގިނަ މައްސަލަތަކެއް ޖެހިފައިވާއިރު، ބާސާގެ ރައީސް ކަމުގެ މަގާމުން ޖޯސެޕް ބާޓެމައު އިސްތިއުފާ ދީފިނަމަ އަދިވެސް އޭނާ އެ ކްލަބުގައި މަޑުކޮށްފާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ބާސާ ދޫކޮށްލުމަށްފަހު މެސީ ދެން ފެނުން އެންމެ ގާތީ އޭނާއަށް ކުރިން ކޯޗުކޮށްދިން ޕެޕް ގާޑިޔޯލާ މިހާރު ހަވާލުވެފައިވާ މެންޗެސްޓަރ ސިޓީން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސާ އަށް މިހާތަނަށް 700 އަށް ވުރެ ގިނަ މެޗު ކުޅެދީ 634 ގޯލު ކާމިޔާބުކޮށްދީފައިވާ މެސީ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަ ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ.