ސ. ހިތަދޫން އަލަށް ދޫކުރަން ނިންމި 200 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގޮތާއި މެދު އާއްމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
"އައްޑޫ ލައިވް" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވަނީ ހިތަދޫގައި އިމާރާތް ކުރި ކޮންވެންޝަން ސެންޓަރު އެޅުމަށް އެ ސަރަހައްްދުން ނެގި ގޯތީގެ ބަދަލުގައި ގޯތި ދޫކުރުމަށް ނިންމާފައިވާ އިރު އަލުން ފޯމު ހުށަހަޅައި އެކަން ކުރުމަކީ ގަބޫލް ކުރެވޭ ކަމެއް ނޫން ކަމަށެވެ.
"މީގައި ދިމާވެގެން އުޅޭ މައްސަލަ އަކީ މީގެ ކުރިން ފޯމު ހުށަހަޅައިގެން ބަލަން ޖެހޭ ބެލުންތައް ބެލުމަށް ފަހު އަހަރެމެންނަށް ގޯތި ދޫކޮށްފައި މިވަނީ. އަދި އެގޯތިތަކަށް ރަޖިސްޓްރީވެސް ހަދާދީފައި ވަނީ،" އާންމުންގެ މީހަކު ބުންޏެވެ. "އެގޮތަށް އޮތްވާ ސަރުކާރުގެ ބޭނުމަށް ގޯތި ނެގީ. އެކަމަކު އަލުން އަނެއްކާ މި ޖެހެނީ ފޯމު ހުށަހަޅައި އަލުން ޕޮއިންޓް ދީ އަލުން ކުރި މަސައްކަތް ކުރަން."
ކޮންވެންޝަން ސެންޓަރު ސަރަހައްދުން ނެގި ގޯތީގެ ބަދަލުގައި އަލުން ފޯމު ހުށަހެޅުމަށް ކައުންސިލުން އިއްލާން ކުރުމާއި ގުޅިގެން އާއްމުންގެ ވަރަށް ގިނަ މީހުން ވަނީ ކައުންސިލަށް ފާޑު ކިޔައިފަ އެވެ.
އީސީސީ ސަރަހައްދުން ނެގި ބައެއް ގޯތީގެ ބަދަލުގައި އެހެން ސަރަހައްދު ތަކުން ކައުންސިލުން ވަނީ ގޯތި ދޫކޮށްފަ އެވެ. އަދި ބައެއް ގޯތި ތަކަށް ބަދަލު ދީފައިވާ އިރު އަނެއް ބައި ގޯތި ތަކަށް ބަދަލުދީފައި ނުވެ އެވެ.
ބައެއް އާއްމު ފަރާތަކުން ބުނަމުން ދަނީ މިގޮތަށް ކައުންސިލުން އިއްލާން ކުރީ ވަކި ބަޔަކަށް މަންފާ ހޯދައި ދިނުމަށް ކަމަށާއި މިކަން ވަރަށް ގާތުން ބަލަމުން ގެންދާނެކަމަށެވެ.
"މީގައި ވެގެން އުޅޭގޮތަކީ ކައުންސިލަރުން އެބަޖެހޭ ވަކި ބަޔަކަށް ގޯތި ދޭން، އެހެންވެ މި ގޮތަށް އޭތި މީތި މިހަދަނީ. ހަގީގަތަކީ ނެގި ގޯތީގެ ބަދަލުގައި ގޯތި ދޫކުރާނަމަ ކޮންމެ ހެން އާ ފޯމެއް ލާކަށް ނުޖެހޭ. ކުރީގެ ފޯމުގެ މައްޗަށް ބެލިގެން ގުރުއަތާއި ހަމަައަށް ދެވެން ޖެހޭނެ"
މިކަމާ ގުޅިގެން އާއްމުން "ރަތަށް" އަރާފައިވާ އިރު ގޯތީގެ ކަންކަން ކުރިއަށް ގެންދާ ގޮތް އޭސީސީ އަށް ހުށަހަޅާނެ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.