Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

ދުއާ ކުރަން ވެސް ކައުންސިލްގެ ހުއްދަ!

ސ. ހިތަދޫގެ މިސްކިތްތަކުން އާންމުންނަށް އުނދަގޫވާ ވަރަށް އަޑުގަދަކޮށްގެން ޤުރުއާން ކިޔަވާތީ އާންމުންގެ ޝަކުވާތައް ލިބެމުންދާ ކަމަށް ބުނެ އަޑު ކޮންޓްރޯލް ކުރަން އެންގި އައްޑޫ ސިޓީ ކައުންސިލުން އަނެއްކާ ވެސް އިތުރު އެންގުމެއް މުދިމުންނަށް އަންގައިފި އެވެ.

އެގޮތުން މިދިޔަ ބުދަ ދުވަހު ކައުންސިލްގެ އިންފްރާސްޓްރަކްޗަ ޑިޕާޓްމަންޓާ ހަވާލުވެ ހުންނަވާ ކައުންސިލަރު ހުސައިން ހިލްމީ ސޮއި ކުރައްވައި މުދިމުންނަށް ފޮނުއްވި ސިޓީއެއްގައިވާ ގޮތުން މިސްކިތްތަކުގައި ދުއާ ކުރަންް ޖެހޭނީ ކައުންސިލާ މަޝްވަރާކޮށް ހުއްދައި ހޯދައިގެންނެވެ.

"މިސްކިތުގެ މުދިމުން ބައެއް ކަހަލަ ހާއްސަ ދުއާތައް އާންމުން ބައިވެރިކޮށްގެން ކުރަމުންދާކަން ވަނީ އެނގިފަ އެވެ. ވީމާ އިމާމުންނާއި މުދިމުން މިކަންކަން ކުރުމުގައި ކައުންސިލްގެ މަޝްވަރާ ހޯދުމަށް ފަހު ހުއްދަ ލިބިގެން ކުރުން ރަނގަޅެވެ." ސިޓީގައިވެ އެވެ. "އެގޮތަކީ އާންމުންގެ މެދުގައި ބައިބައިވުމާއި ހަމަނުޖެހުން އުފެދިދާނެ ކަމަކަށްވާތީ މިކަމަށް ހާއްސަ ސަމާލު ކަމެއް ދެއްވުމަށް އަންގަމެވެ."

އެ ސިޓީގައި އަދި ބުނެފައި ވަނީ މިހާރަކަށް އައިސް އާންމު ފަރާތްތަކުން މިސްކިތްތަކުގައި އެކިއެކި ލިއުންތަކާއި އިޝްތިހާރުތައް ޖަހަމުން ގެންދާ ކަމުގެ ޝަކުވާތައް ވެސް ލިބެމުންދާ ކަމަށެވެ. އަދި އެއީ އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ކައުންސިލުން ބުންޏެވެ.

ދުއާގެ މައްސަލާގައި ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައި މި ވަނީ ބައެއް މުދިމުން މިސްކިތްތަކުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް އިންތިހާބް ކާމިޔާބް ނުކުރެއްވުން އެދި ދުއާ ކުރާ ކަމުގެ ތުހުމަތު ކުރެވިގެން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމެއް މިސްކިތްތަކުގެ ބައެއް މުދިން ބުންޏެވެ.