Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ފުޅާ ދާއިރާއެއްގައި ކޮރަޕްޝަން މާނަކުރަން ގާނޫނު އިސްލާހު ކުރަނީ

މަޖިލިސް ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ / މަޖިލިސް

މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގައި "ކޮރަޕްޝަން" މާނަކޮށްފައި އޮތް ވަރަށް ވުރެ ފުޅާ ދާއިރާއެއްގައި ކޮރަޕްޝަން މާނަ ކުރުމަށް އެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

މި އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 510ވަނަ މާއްދާއާ 513ވަނަ މާއްދާއާ 515ވަނަ މާއްދާއާ 516ވަނަ މާއްދާ އަދި 517ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށް ކުށާއި އެނޫންވެސް ގާނޫނެއްގައި ކޮރަޕްޝަންގެ ކުށް ކަމަށް ކަނޑައަޅާފައިވާ ކޮންމެ ކުށަކީ ކޮރަޕްޝަންގެ ކުށް ކަމަށެވެ.

ގާނޫނުލްއުގޫބާތަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ މައިގަނޑު ބޭނުމަކީ ނުހައްގު މުއްސަނދިކަން ހުއްޓުވާ ނުހައްގު މުއްސަނދިކަން ކުށަކަން ހެދުން ކަމަށް ބުނެފައިވެއެވެ.