Last Updated: July 5, 11:18
Saturday, July 5, 2025
ޚަބަރު

ގާސިމް ސްކޫލްތަކަށް ތަކެތި ދިން މައްސަލަ އިލެކްޝަނަށް!

ޖުމްހުރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އައްޑޫގެ ސްކޫލްތަކަށް ހަދިޔާ ކުރި ސާމާންގެ މައްސަލަ އެމްޑީޕީން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ޖުމްހުރީ ޕާޓީގެ ދިދަ ޖަހާފައިވާ ދޯންޏަކުން ވަނީ ގިނަ އަދަދެއްގެ ލެޑް ޓީވީ އާއި އޭސީ އަދި ލެޕްޓޮޕް އައްޑޫއަށް ގެނެސް ސްކޫލްތަކާއި ހަވާލުކޮށްފައެވެ.

އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ދިދަތައް ޖަހައި ބޮޑު އޮޑިއެއްގައި މިދިޔަ ހުކުރު ދުވަހު މާލެއިން އައްޑޫގެ ސްކޫލްތަކަށް ކޮމްޕިއުޓަރާއި އޭސީ އާއި އެލްސީޑީ ޓީވީ ފަދަ ތަކެތި ހަދިޔާކޮށްފައިވާ ކަމަށެވެ.

އަދި އެއީ ރިޝްވަތު ދީގެން ކެމްޕޭނަށް ނުފޫޒު ފޯރުވަން ކުރި ކަމެއްކަމަށާއި އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް އައްޑޫއަށް ކުރެއްވި ދަތުރާއި ދިމާކޮށް އައްޑޫގެ ސްކޫލްތަކަށް ހަދިޔާކުރި ސާމާން ތަކަކީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ގާސިމް އައްޑޫއަށް ވަޑައިގަތުމުން ސްކޫލްތަކުގެ ވެރިންނާއި ދަރިވަރުން ގާސިމް ގާތު އެދުނު ސާމާން ކަމަށް ހަބަރު ލިބިފައިވެއެވެ. އަދި އެތަކެތި ދީފައިވަނީ ވިލާ ފައުންޑޭޝަނުންކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އައްޑޫ ހައި ސްކޫލްގެ އިސް އޮފިޝަލަކު ވިދާޅުވީ ވިލާ ފައުންޑޭޝަންގެ ކުރީގެ ޗެއާމަން އާއި ބައްދަލުކޮށް ސްކޫލަށް ބޭނުންވާ ސާމާން ހޯދުމަށް އެދުމުން އެ ސާމާން ސްކޫލްތަކަށް މިހާރު ދީފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއްބަސްވި ބައެއް ސާމާން އަދި ނުލިބިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް، އައްޑޫ ހައިސްކޫލް އަދި މަރަދޫ ފޭދޫ ސްކޫލްގެ އިތުރުން ޝަރަފުއްދީން ސްކޫލަށް ވަނީ ގިނަ ސާމާންތަކެއް ލިބިފައެވެ. އަދި ހިތަދޫ ޝެއިހް ހުސެއިން ރަހާ ސްކޫލަށާއި ހިރާ ސްކޫލަށްވެސް ގާސިމްގެ އެހީ ވަނީ ލިބިފައެވެ.

ގާސިމް "ދެއްވި" ތަކެތި ބަލައި ސްކޫލްތަކުގެ ވެރިން ބަނދަރު ސަރަހައްދަށް ގޮސްފައި ވަނިކޮށް އިދިކޮޅު ފަރާތްތަކުން ވަނީ "ރިޝްވަތު" ބަލައި ގޮސްފައި ތިބި ކަމަށް ބުނެ ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.

އިލެކްޝަނުން ބުނެފައި ވަނީ އިންތިހާބަށް ނުފޫޒު ފޯރާ ގޮތަށް އެއްވެސް ކެންޑިޑޭޓަކަށް އެހީއެއް ނުދެވޭނެ ކަމަށެވެ. އެހެން ނަމަވެސް އިޖުތިމާއީ ގޮތުން ކުރިން ވެސް ވެދެއްވަމުން އައި އެހީތެރިކަމެއް ހުއްޓާލަން ނުޖެހޭ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ