Last Updated: June 9, 10:37
Tuesday, June 9, 2026
މުނިފޫހިފިލުވުން

"ޖިސްމް 3" ގައި ވެސް އުނޫޝާގެ ލަވައެއް

މިދިޔަ އަހަރު ރިލީޒްވި ބޮލީވުޑްގެ އިރޮޓިކް ތްރިލާ "ޖިސްމް 2" އަށް ލަވައެއް ކިޔައި ދިން ރާއްޖޭގެ މަޝްހޫރު އަންހެން ލަވަ ކިއުންތެރިޔާ އުނޫޝާ "ޖިސްމް 3" އަށް ވެސް ލަވައެއް ކިޔައި ދޭން ހަމަޖެހިއްޖެ އެވެ.

މިކަން އުނޫޝާގެ ފިރިމީހާ އިބްރާހީމް ހަމީޝް ވަނީ އޭނާގެ އެފްބީގައި ވެސް ހިއްސާކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ "ޖިސްމް 3" އަށް ވެސް އުނޫޝާ ލަވައެއް ރެކޯޑް ކުރަން ހަމަޖެހިފައިވާ ކަމަށެެވެ.

އެހެން ނަމަވެސް އެކަން ގަބޫލް ކުރަން އަދިވެސް ދަތި ކަމަށާއި މިއީ ވަރަށް ބޮޑު އުފަލެއް ކަމަށް ހަމީޝް ބުނެފައިވެ އެވެ. އޭނާ އަދި ބުނެފައި ވަނީ މިއީ ދިވެހިން ފަހުރުވެރި ވާން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

އުނޫޝާ މި މަހުގެ 25 ގައި އިންޑިއާގައި "އުނޫޝާ ލައިވް އިން ކެރަލާ" ގެ ނަމުގައި ވަނީ ކޮންސަޓެއް ވެސް ބާއްވައިފަ އެވެ.

ބަޓް ކޭމްޕްގެ "ޖިސްމް 3" އަށް އުނޫޝާ ލަވައެއް ރެކޯޑްކޮށް ދޭން ހަމަޖެހިފައިވާ އިރު، އޭނާ "ޖިސްމް 2" އަށް ކިޔައި ދީފައިވާ "ހޭވައްލާ" ލަވަ އަށް ގިނަ ބައެއްގެ މަގުބޫލްކަން ލިބިފައިވެ އެވެ. މިއީ ދިވެހި ފަންނާނަކު ހިންދީ ފިލްމަކަށް ލަވައެއް ކިޔައި ދިން ފުރަތަމަ ފަހަރު ވެސް މެ އެވެ.

އެ ލަވައިގެ މިއުޒިކް ޑައިރެކްޓަރަކީ އުނޫޝާގެ މިއުޒިކް ޑައިރެކްޓަރު އަބްދުލް ބާސިތު (ބާޗި) އެވެ.

ޕޫޖާ ބަޓް ޑައިރެކްޓް ކުރި "ޖިސްމް 2" އަކީ ބަޓް ކޭމްޕުން 2003 ވަނަ އަހަރު ޖޯން އަބްރަހަމް އާއި ބިޕާޝާ ބާސޫ ހިމަނައިގެން ގެނެސް ދިން "ޖިސްމް" އާ ގުޅުވައިގެން ގެނެސް ދިން ފިލްމެކެވެ. "ޖާދޫޫ ހޭ ނަޝާ ހޭ" ފަދަ ހިތްގައިމު ލަވަތައް ހިމެނޭ "ޖިސްމް" އަކީ ޖޯންގެ ފުރަތަަމަ ފިލްމް ވެސް މެ އެވެ.

"ޖިސްމް 2" ގައި ލީޑް ރޯލް ކުޅެފައި ވަނީ އެ ފިލްމުން ބޮލީވުޑަށް ތައާރަފްވި އިންޑޯ-ކެނޭޑިއަން އެޑަލްޓް ސްޓާ ސަނީ ލިއޯން އާއި ރަންދީޕް ހޫޑާގެ އިތުރުން އަރުނަދޯއި ސިންގް އެވެ.

"ޖިސްމް 3" އުފައްދަން ބަޓް ކެމްްޕޭން ނިންމި ނަމަވެސް، އެ ފިލްމުގެ ކާސްޓާ ބެހޭ ގޮތުން މިހާތަނަށް އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.