Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ހުޅުދޫން ގިނަ އަދަދެއްގެ ފައިސާ އާއި ގަހަނާ ވަގަށް ނެގި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ހުޅުމީދޫގައި ފުލުހުން ހަރަކާތެރި ވަނީ.

ސ. ހުޅުދޫ ގެއަކުން ގިނަ އަދަދެއްގެ ފައިސާ އާއި ގަހަނާތަކެއް ވަގަށް ނަގާފައިވާ ކަމަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އެހެން ނަމަވެސް އޭނާގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އިއްޔެ ހެނދުނު 11:30 ހާއިރު ހުޅުދޫންނެވެ.

މި މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުދޫ އިރުޒުވާމާ ގެއިން ގެއްލިފައި ވަނީ 26،000 ރުފިޔާ އާއި 2،700 ޑޮލަރާއި ގަހަނާތަކަކާއި ޕާސްޕޯޓްތަކަކާއި ކޭޝްކާޑްތަކަކާއި ކްރެޑިޓް ކާޑުތަކެއްގެ އިތުރުން ޓިކެޓްތަކެއް ހުރި ފޮށްޓެކެވެ.

މިހާތަނަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި ފޮށި ވަގަށް ނަގާފައިވަނީ އެގޭގެ ގިފިލީގެ ދޮރު ހަލާކޮށްލައިގެން އެގޭތެރެއަށް ވަދެ، އެގޭގެ ކޮޓަރިއެއްގެ ކުޑަ ދޮރެއް ހަލާކުކޮށްލައިގެންނެވެ.

މި މައްސަލަ އާ ގުޅޭ މަޢުލޫމާތު ފުލުހުންނަށް ލިބުމާ އެކު ފުލުހުން ކުރަމުން ދިޔަ މަސައްކަތުން އެ ގެއިން ގެއްލުނު ފޮށި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިއްޔެ 09:15 ހާއިރު ހުޅުދޫ ފަޅު ގެއެއްގެ ތެރެއިން މި ފޮށި ފުލުހުން ހޯދި އިރު، އެފޮށި ތެރޭގައި އެ ގެއިން ގެއްލުނު ކަމަށް ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ތަކެތީގެ ތެރެއިން ގަހަނާތަކަކާއި ޕާސްޕޯޓްތަކާއި ޓިކެޓްތަކަކާއި ކޭޝް ކާޑު އަދި ކްރެޑިޓް ކާޑުތަކެއް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އެ ފޮށީގައި ހުރި ކަމަށް ފުލުހުންނަށް މަައުލޫމާތު ދީފައިވާ 26،000 ރުފިޔާ އާއި 2،700 ޑޮލަރުގެ އިތުރުން ރަން އަގޮޓިއަކާއި ގަޑިއަކާއި ފޯނެއް ހޯދުމުގެ މަސައްކަތް ހުޅުމީދޫގައި ފުލުހުން މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.