Last Updated: June 30, 21:19
Tuesday, June 30, 2026
ވިޔަފާރި

ގަމުން ލަންކާއަށް ފުރޭނެ ދުވަހެއް ނޭނގޭ: ފްލައި މީ

ގާސިމް ފްލައިމީގެ ބޮޑު މަތިންދާ ބޯޓުގެ ފުރަތަމަ ދަތުރުގައި އައްޑޫއަށް ވަޑައިގެން.

ފްލައި މީން ސ. ގަމުން ކޮލަމްބޯއަށް އަވަސް މުސްތަގްބަލެއްގައި ދަތުރު ފެށުމަށް ރާވާފައި ނުވާކަމަށް ފްލައި މީން ބުނެފި އެވެ.

ފްލައި މީގެ މެނެޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު ވިދާޅުވީ ފްލައިމީ އިން ގަމުން ކޮލަމްބޯއަށް ދަތުރު ކުރަން ފަށާނެ ތާރީހެއް އަދި ނޭނގޭ ކަމަށެވެ. އަދި ފްލައި މީން މިހާރު މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ އިތުރު 4 ސަރަހައްދަކަށް ވައިގެ ދަތުރުތައް ފެށުމަށް ކަމަށެވެ.

އެގޮތުން އައްޑޫ އާއި ފުވައްމުލައް އަދި މަމިގިލީ ފިޔަވައި ހދ. ހަނިމާދޫ ބައިނަލްއަޤްވާމީ އެއާޕޯޓާއި، ލ. ކައްދޫ އެއާޕޯޓާއި، ގއ. ކޫއްޑޫ އެއާޕޯޓާއި، ގދ. ކާޑެއްދޫ އެއާޕޯޓަށް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ދަތުރުތައް ފެއްޓުމަށް މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މި ގެންގުޅެނީ 3 ބޯޓު، އެހެންވެ އަދި ދަންނަވަން ނޭގެ ގަމުން ކޮލަމްބޯއަށް ދަތުރު ފެށޭނެ ދުވަހެއް، އެކަމަކު އަޅުގަނޑުމެން މިދަނީ ރާއްޖޭގެ 4 މަންޒިލަކަށް ދަތުރު ފެށުމަށް ތައްޔާރުވަމުން." ރިލްވާން ވިދާޅުވިއެވެ.

ފްލައިމީ އިން މިގޮތަށް ބުނެފައިވާ އިރު މިއަހަރު ފެބްރުއަރީ މަހު ގާސިމް އައްޑު އަށް ވަޑައިގެން ޝަރަފުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ "ވަރަށް އަވަހަށް" އައްޑޫން ކޮލަމްބޯ އަށް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން ގާސިމް އިބްރާހިމްގެ ސްޕޯކްސް ޕާސަން އިބްރާހިމް ހަލީލް ވިދާޅުވީ އެކަމާއި ގުޅޭގޮތުން އެއްޗެއް ދެންނެވެން ނެތްކަމަށެވެ.

ގާސިމްގެ ވައުދާއި ގުޅިގެން ގިނަ ބަޔަކު ވަނީ ފްލައިމީގެ ދަތުރުތައް ގަމުން ކޮލަމްބޯއަށް ފެށޭނެ ދުވަހަކަށް އިންތިޒާރުކޮށްފަ އެވެ.