ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް މި ޓްރާންސްފާ މާކެޓުގައި ހިލޭ ޓްރާންސްފާއެއްގައި އެ ކްލަބު ދޫކޮށްނުލެވޭނެ ކަމަށް ލަލީގާ އިން ބުނެފިއެވެ.
މި ޓްރާންސްފާ މާކެޓުގައި ބާސާ ދޫކޮށްލަން ބޭނުންވާކަން މެސީ އެ ކްލަބަށް ދާދިފަހުން ވަނީ އަންގާފައެވެ. މެސީ ކްލަބު ދޫކޮށްލަން ބޭނުންވަނީ ހިލޭ ޓްރާންސްފާއެއްގައި (އެއްވެސް ފީ އަކާއި ނުލައި) ކަމަށްވާއިރު، އޭނާ ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ އަދި އެއް އަހަރު އެބައޮތެވެ.
ކޮންޓްރެކްޓުގައިވާ ގޮތުން މެސީ ބޭނުންވެއްޖެނަމަ ކޮންމެ ސީޒަނެއް ވެސް ނިމުމުން ވަކި މުއްދަތެއްގެ ތެރޭގައި ކްލަބަށް އެކަން އެންގުމަށްފަހު އޭނާ އަށް ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވެވޭނެއެވެ. ބާސާ އިން ބުނާ ގޮތުން އެ މުއްދަތު ވަނީ މިދިޔަ ޖޫން މަހުގެ 10 ގެ ނިޔަލަށް ހަމަވެފައެވެ.
ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މި ސީޒަން ނިމުން ލަސްވެފައިވާތީ ކޮންޓްރެކްޓުގެ އެ މާއްދާއަށް ބާސާ އިން އަމަލުކުރަންޖެހޭނެ ކަމަށް މެސީ ގަބޫލުކުރެއެވެ. މި މައްސަލައިގެ ތެރެއަށް އެންމެފަހުން ލަލީގާ އިން ވެސް މިއަދު ވަނީ ވަދެފައެވެ.
އެގޮތުން ލަލީގާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބާސާ އިން މިކަމުގައި ނިންމާފައިވާ ނިންމުން ރަނގަޅު ކަމަށާއި އެހެން ކްލަބަކުން މެސީގެ ރިލީޒް ކްލައުސް ނުދައްކަނީސް އޭނާ އަށް އެ ކްލަބު ދޫކޮށްލާފައި ނުދެވޭނެ ކަމަށެވެ. މެސީގެ ރިލީޒް ކްލައުސް އަކީ 700 މިލިއަން ޔޫރޯއެވެ.
ބާސާ ދޫކޮށްލަން މެސީ ނިންމާފައިވާއިރު، މާދަމާ ފަރިތަކުރުންތައް ފެށުމުގެ ކުރިން ހަދަންޖެހޭ ކޮވިޑް-19 ޕީސީއާރް ޓެސްޓު ހަދަން ވެސް އޭނާ މިއަދު ހާޒިރުވެފައެވެ. މެސީ ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ޕީސީއާރް ޓެސްޓު ހެދުމަށް ހާޒިރުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބާސާ ދޫކޮށްލައިފިނަމަ މެސީ ދެން ފެނުން އެންމެ ގާތީ އޭނާއަށް ކުރިން ކޯޗުކޮށްދިން ޕެޕް ގާޑިޔޯލާ މިހާރު ހަވާލުވެފައިވާ މެންޗެސްޓަރ ސިޓީން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބާސާ އަށް މިހާތަނަށް 700 އަށް ވުރެ ގިނަ މެޗު ކުޅެދީ 634 ގޯލު ކާމިޔާބުކޮށްދީފައިވާ މެސީ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަ ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ.