Last Updated: April 27, 10:32
Saturday, April 27, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(އޮގަސްޓް 25، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

"އަހަރެން ކަލޭ ދޫކުރާނެ އެންމެ ގޮތެއް އޮތީ. ކަލޭ ފޭރިގެންފައިވާ ތަކެތި އެތަކެތީގެ އަހްލުވެރިންނަށް ރައްދުކޮށް ދީ ހަމަ މިހާރު."

"އެންމެ ރަނގަޅު ގޮތަކީ ކަލޭ އަހަރެން އަތުން ލޯނެއް ނަގާފަ ކަލޭގެ ގެ އާއި ފެކްޓަރީ ސަލާމަތް ކުރޭ." ސަލީމް ވަރަށް ބިރުން ހުރެ ބުނެލި އެވެ.

"ސަލީމް އަހަރެންގެ އަތް އިސްވިޔަ ނުދޭށޭ ނުބުނަންތަ؟" އުނައިސް ސަލީމްގެ ގައިގަައި ތަޅައި ގަތެވެ.

ސަލީމް އުނައިސްގެ އަތްދޮށުން ސަލާމަތް ވެގެން ކޮޓަރިއަކަށް ވަނެވެ. އަދި ވަގުތުން ދޮރު ލައްޕައި ތަންޑު އެޅުވި އެވެ. އަދި ވަގުތުން ޕޮލިހަށް ގުޅި އެވެ. އޭރު ވެސް އުނަައިސް ބާރަކަށް ހަޅޭއްލަވަމުން ދޮރުގައި ތަޅަމުން ދިޔަ އެވެ. ހީވަނީ ދެންމެދެންމެ ދޮރު ވައްޓާލަފާނެ ހެންނެވެ.
އެވަގުތަކީ ބޭރުން ނީލާ ވެސް އައިސް ގެއަށް ވަން ވަގުތެވެ.

"ދޮންބޭ…" ނީލާގެ އަޑު އިވުމާ އެކު ސަލީމް ދޮރު ހުޅުވި އެވެ. އެވަގުތު އަނެއްކާ ވެސް އުނައިސް ސަލީމްގެ ގައިގައި ހިފައިގަތެވެ.

"ދޮންބޭ ހުއްޓާލާ…ނުތަޅާ އޭނަ ގައިގަ މާތް ﷲއަށްޓަކާ ހުއްޓާލާ…" ނީލާ ރޮމުންރޮމުން ދެ މީހުން ދުރު ކުރުވި އެވެ.
އެވަގުތު ފުލުހުން އަ އެވެ.

"އަވަހަށް ގެންދޭ ބަލާބަލަ މަށަށް ކޮށްފަ ހުރި ވަރު. ލޭނުކޮށާ ތަންކޮޅެއް ނެތޭ." ސަލީމް ފުލުސް މީހާ އަށް ދައްކާފައި ރޮމުން ދިޔަ އެވެ.

"އަދި މަދޭ ކަލޭގެ މަސް ކޮށާފަ ކާޅަށް އެޅިޔަސް ފާފައެެއް ނުވާނެ މަލްއޫނު."

"އެކަމަކު ވެސް މީހެއްގެ ގެޔަށް ވަދެ އަނިޔާއެއް އެކަކަށް ވެސް ކުރުމުގެ ހުއްދައެއް ނޯންނާނެ. އަވަހަށް ހިގާ ފުލުހުންގެއަށް. ރުހުމުގެ ނުގޮސްފިއްޔާ ގަދަކަމުން ވެސް ގެންދަން ޖެހިދާނެ." ޕޮލިސް މީހާ ބުނެލި އެވެ.

"ބައްލަވާ ތިއީ ޕާޓޭއެއް. އަހަރެންނަށް ވަރަށް އަނިޔާ ކުރި."

"އަހަރެންނަކީ ގުންޑާއެއް ޕާޓޭއެއް ނޫން. އަހަރެންނަކީ އުނައިސް އަހްމަދުު."

"އޯހް…ފިނިވާގޭ ޔޫނުސްގެ ދަރިތަ؟"

"ލައްބަ އަވަހަށް ގެންދޭ މީނަ." ސަލީމް ބުނެލި އެވެ.

"މިހާރު އަޅުގަނޑަށް އެގިއްޖެ މި ކޭސް. އެހެން ނަމަވެސް ގަޔަށް އަރާތަޅާފޮޅުމަކީ ގާނޫނީ ކުށެއް އުނައިސް."
އުނައިސް ޕޮލިހުންނާ އެކު ނިކުމެގެން ގޮސް ޖިޕަށް އެރި އެވެ. ނީލާ ސަލީމް އާ ދިމާއަށް އެނބުރުނެވެ.

"ކަލޭ ކަންތައް ތި ކުރަނީ ކިހިނެއް؟ އަހަރެންގެ އާއިލާ ބަރުބާދުކޮށް މިހާރު ބައްޕަގެ ހުރި ހަމައެކަނި އުއްމީދު ކަމަށްވާ ދޮންބެ ފުލުހުންނާ ތި ހަވާލު ކުރީ. ދެން ދޮންބެ ސަލާމަތް ކުރަން ހިނގަން ފަށަންވީ…" ނީލާ ކަރުނަ ފޮހެލާފައި ބުންޏެވެ.

ރަަހްމާން ލަގުޒަރީން ނިކުންނަނިކޮށް ފުލުހުންގެ ޖިޕްގައި އުނައިސް އިން ދާ ފެނިގެން އެ މީހުން ފަހަތުން ދިޔަ އެވެ. އަދި ވެގެން އުޅޭ ގޮތް އޮޅުން ފިލުވި އެވެ. އަދި ވަގުތުން ގެއަށް ގޮސް މި ހަބަރު ޔޫނުސް އަށް ދިނެވެ.

(ނުނިމޭ)