މިދިޔަ ހުކުރު ދުވަހު ޖުމްހުރީ ގުޅުމުން އައްޑޫއަށް ކުރި ދަތުރާއި އެކު ރާއްޖޭގެ ދެ ސިޓީ "ފަތަހަ" ކުރެވިފައިވާކަމަށް ޖުމްހުރީ ޕާޓީގެ ނައިބް ލީޑަރު ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.
ރޭ ވީޓީން ގެނެސް ދިން ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޑީޑީ ވިދާޅުވީ އައްޑޫގެ ދަތުރާއެކު އިންތިހާބުގެ ނަތީޖާ ސާފުވެ، ރައްޔިތުންގެ ނިންމުން ހާމަވެއްޖެ ކަމަށެވެ.
ޑީޑީ ވިދާޅުވީ މާލޭ ފަތަހަ ކުރުމަށް ފަހު އައްޑޫ އަށް ވަޑައިގަތުމުން ޖުމްހުރީ ގުޅުމުގެ އަސްލު ސައިޒް ފެނިގެން ހިގައްޖެކަމަށެވެ. އަދި އައްޑޫ އާއި ފުވައްމުލަކުގައި ޖުމްހުރީ ގުޅުމަށް އޮތް ތާއިދު ފެނިގެން ގޮސްފައިވާ ކަމަށެވެ.
ޑީޑީ އިތުރަށް ވިދާޅުވީ ކޮންމެ ދުވަހަކުވެސް އެތައް ބައެއް އެޕާޓީ އާއި ގުޅެމުން އަންނަ ކަމަށާއި ޕާޓީ އަންނަނީ ބޮޑުވަމުން ކަމަށެވެ.
"ރަށްރަށުގައި ރައްޔިތުން ދިރިއުޅެމުން ގެންދަނީ ވަރަށް ނިކަމެތި ހާލަތުގައި. ރައްޔިތުން މިއަދު ބޭނުން ވަނީ ހަގީގަތުގައި ވެސް ރަށްރަށް ތަރައްގީކޮށް ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ޚިދުމަތްކޮށްދޭނެ ލީޑަރެއް،" ޑީޑީ ވިދާޅުވި އެވެ.
ޑރ. ޑީޑީ ވިދާޅުވީ ގާސިމް އިބްރާހިމަށް ފާޑު ކިޔަނީ އެ މަނިކުފާނަށް އޮތް ތާއިދު ބޮޑު ކަމުން ކަމަށެވެ.