ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރު އިއްޔެ ހޮސްޕިޓަލުގައި ބައެއް ޑޮކްޓަރުންނާއި އެކު ހަޅުތާލު ކުރުމާއި ގުޅިގެން އޭނާ ވަޒީފާއިން ވަކިކޮށްފި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ މިއަދު ވިދާޅުވީ ހޭނައްތާ ޑޮކްޓަރު ވަޒީފާއިން ވަކި ކުރީ އިއްޔެ ހެނދުނު ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދިޔަ ބައެއް ޑޮކްޓަރުންގެ މަސައްކަތްތައް ހުއްޓުވާ، އެ މީހުންނަށް އޮޅުވާލައިގެން ހޮސްޕިޓަލް ތެރޭގައި ހަޅުތާލު ކުރުމާއި ގުޅިގެންނެވެ.
ހަފްސާ ވިދާޅުވީ ޑޮކްޓަރުން އަމަލުކުރަންޖެހޭ އުސޫލާއި ޚިލާފަށް ހިންގާފައިވާ މިއަމަލުތަކާއި ގުޅިގެން އޭނާ ވަޒީފާްއިން ވަކި ކުރީ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވަނީ މަހްމޫދު ގައްޒާފީ ކިޔާ އިންޑިއާގެ ޑޮކްޓަރެކެވެ.
ހޭނައްތާ ޑޮކްޓަރު އިއްޔެ ހެނދުނު ހަޅުތާލު ކުރަން ފެށީ އޭނާ އަށް ޗުއްޓީ ދިނުމަށް އެދުމަށް ފަހު ހެދިފައިވާ އުސޫލާއި ހިލާފަށް ލީވް އެލަވަންސް ދޭން ޑިމާންޑް ކުރުމުން އެކަމާއި ހޮސްޕިޓަލުން އިންކާރު ކުރުމުންނެވެ.
ހަފްސާ ވިދާޅުވީ ހަޅުތާލު ކުރި ޑޮކްޓަރަކީ މީގެ ކުރިންވެސް މިފަދަ އަހްލާގީ މައްސަލަ ކުރިމަތިވެފައިވާ މީހެއްކަމަށެވެ. އެގޮތުން ހޮސްޕިޓަލުގެ ނަރުހަކަށް އަނިޔާ ކޮށްފައިވާކަމަށް ހަފްސާ ވިދާޅުވިއެވެ.
އިއްޔެ ހޮސްޕިޓަލުގައި ހަޅުތާލު ކުރުމާއި ގުޅިގެން ޑޮކްޓަރަށް ދައްކަން ދިޔަ ގިނަ ބަޔަކަށް ވަނީ ޑޮކްޓަރަށް ދެއްކޭގޮތް ނުވެފައެވެ.
ހަފްސާ ވިދާޅުވީ އާ ހޭނައްތާ ޑޮކްޓަރަކު މިމަހުގެ 30 ވަނަ ދުވަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާނެކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާކަމަށެވެ.