ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ހޭނައްތާ ޑޮކްޓަރު އިއްޔެ ހޮސްޕިޓަލްތެރޭގައި ހަޅުތާލު ކުރުމާއި ގުޅިގެން އޭނާ ވަޒީފާއިން ވަކިކޮށް ފޮނުވާލިތާ 24 ގަޑި އިރު ނުވަނީސް ތިން މާބަނޑު އަންހެނުން އިމަޖެންސީގައި ވިއްސަން ފުވައްމުލަކަށް ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވިއްސަން ގެންގޮސްފައިވަނީ މަރަދޫގެ މާބަނޑު އަންހެނަކާއި ފޭދޫގެ ދެ މީހެކެވެ.
ފުވައްމުކަށް ގެންގޮސްފައި ވަނީ މަރަދޫ ފެންފިޔާޒު ފާތުމަތު ސަޢީދާ، 23، އާއި ފޭދޫ ފަޅޯމާގޭ މަރިޔަމް އާފިރާ، 25، ގެ އިތުރުން ހަމަ އެ ރަށު ގުޑްހޯޕް އައިމިނަތު ސުމައްޔާ،38، އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އެދުމުގެ މަތިން އެ ތިން މީހުން ފުވައްމުލަކަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާގެ ގަލްފު ކްރާފްޓް ލޯންޗެއްގައެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން ދިޔަ ހޭނައްތާ ޑޮކްޓަރު ވަޒީފާއިން ވަކި ކުރީ އިއްޔެ ހެނދުނު ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދިޔަ ބައެއް ޑޮކްޓަރުންގެ މަސައްކަތްތައް ހުއްޓުވާ، އެ މީހުންނަށް އޮޅުވާލައިގެން ހޮސްޕިޓަލް ތެރޭގައި ހަޅުތާލު ކުރުމާއި ގުޅިގެންނެވެ.
ހިތަދޫ ރިޖަނަލް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ހަދީޖާ ހަފްސާ ވިދާޅުވީ މި މަހުގެ 30 ވަނަ ދުވަހު ހޭނައްތާ އާ ޑޮކްޓަރަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާނެކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.