Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

ސައުތު ޕޮލިސް ޑިވިޝަން ޕްލޭނާ ގުޅޭ މައުލޫމާތު ދީފި

ރިޔާސީ އިންތިޚާބާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ސައުތު ޕޮލިސް ޑިވިޝަންގެ ފުލުހުން ކުރުމަށް ރާވާފައިވާ ކަންތައްތަކާ ގުޅޭ ގޮތުން އެކުލަވާލާފައިވާ އޮޕަރޭޝަން ޕްލޭނާ ގުޅޭ މަޢުލޫމާތު ދީފި އެވެ.

މި މަހުގެ 25 ވަނަ ދުވަހު އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ސައުތު ޕޮލިސް ޑިވިޝަން ކޮމާންޑަރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ދެއްކެވި ވާހަކަފުޅުގައި ފުލުހުންނަށް ލިބިފައިވާ ތަމްރީނާއި ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ފުލުހުންގެ ޤާބިލްކަން ހުރި އެންމެ މަތީ ދަރަޖައަކަށް ޚިދުމަތް ކުރުމަށް ބައިވެރިންނަށް އިލްތިމާސް ކުރި އެވެ.

އެގޮތުން ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތެއް އެންމެ ފުރިހަމައަށް ބޭނުންކޮށް ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ރިޔާސީ އިންތިޚާބާ ގުޅިގެން އައްޑޫ ސިޓީގައި އެއްވެސް ބާވަތެއްގެ ޖިނާޢީ ޢަމަލެއް ހިންގައި އައްޑޫ ސިޓީގެ އަމާންކަމާއި މަސްލަހަތު ނަގާލުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ފުލުހުން މިހާރު ފަށާފައިވާ އޮޕަރޭޝަނަކީ ޤާނޫނާއި ޤަވާއިދުތައް ތަންފީޒުކޮށް ރައްޔިތުންނަށް ސުލްހަވެރި މާހައުލެއް ހޯދައި ދިނުމަށްޓަކައި ހިންގޭ ހަރުދަނާ ޕޮލިސިންގ އޮޕަރޭޝަނެއްކަން ފާހަގަ ކުރެއްވި އެވެ.

އައްޑޫގައި މަސައްކަތް ކުރާ ފުލުހުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ބޭއްވި މި ބައްދަލުވުމުގައި އޮޕަރޭޝަންގެ ކޮންޓިޖެންސީ އާއި ލޮޖިސްޓިކް ސަޕޯޓް ސަވިސް ފޯރުކޮށް ދިނުމާ ބެހޭ ގޮތުންނާއި ފުލުހުންގެ މަސައްކަތްތައް ބިނާ ކުރެވިފައިވާ ގޮތްތަކާއި ބެހޭ ގޮތުން މަޢުލޫމާތު ދީފައިވެ އެވެ.

އަދި އައްޑޫގައި މަސައްކަތް ކުރާ ފުލުހުން ޤާއިމްވެފައި ތިބޭނެ ގޮތުގެ ތަފްސީލާއި އިންތިޚާބު ކުރިއަށްދާ ދުވަހު ފުލުހުންގެ މަސައްކަތް ކުރިއަށް ދާނެ ގޮތުގެ ތަފްސީލް ވެސް މުވައްޒަފުންނާ ހިއްސާކޮށްފައިވެ އެވެ.