Last Updated: June 30, 19:07
Tuesday, June 30, 2026
ސިޔާސީ

ނަޝީދުގެ ކެމްޕެން ދަތުރުތައް އައްޑޫން ނިންމާލައިފި

އެމްޑީޕީ އިން ހިތަދޫގައި ބޭއްވި ޖަލްސާއެއްގެ ތެރެއިން.

އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ގެ ކެމްޕެއިން ދަތުރު ނިންމާލިކަން ރޭ އެމަނިކުފާން އިއްލާން ކޮށްފިއެވެ.

ގިނަ އަދަދެއްގެ އެމްޑީޕީގެ ސަޕޯޓަރުންނާއި އެކު ރޭ ހިތަދޫ ރަސްމީ ބޯޅަ ދަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމަށް ޓަކައި އެމަނިކުފާނު ކުރައްވަމުން އައި ކެމްޕޭން ދަތުރުތައް ނިމުނީ ކަމަށެވެ.

އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅު ހޭދަ ކުރައްވާނީ މާލޭގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ނަޝީދު ވަނީ ގިނަ ވައުދުތަކެއް އައްޑޫ ރައްޔިތުންނަށް ވެ ވަޑައިގެންފައެވެ. އެގޮތުން އައްޑޫގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމް ކުރައްވާނެ ކަމަށް ވަނީ ވައުދުވެ ވަޑައިގެންފައެވެ.

އަދި ގަން އެއާޕޯޓް އިންޓަނޭޝަނަލް ފެންވަރަށް ހިންގުމުގެ މަޝްރޫއު ކުރިއަށް ގެންގޮސް ހިތަދޫ ބަނދަރު ބައިނައްލަޢުވާމީ ފެންވަރަށް ހައްދަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގައި 137 މަޝްރޫއު ހިމެފައިވާނެ ކަމަށެވެ. އެގޮތުން އައްޑޫގައި ޔުނިވާސީޓީއެއް ވެސް ގާއިމުކޮށްދެއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވައުދުވެވަޑައިގަތީ އެމަނިކުފާނުގެ ސަރުކާރެއްގައި އައްޑޫ ހަގީގީ ސިޓީއަކަށް ފުރިހަމަ ކުރައްވާނެކަމަށާއި މި ސިޓީގައި ޓޫރިސްޓް 3،000 އެނދު ހަދާނެ ކަމަށެވެ.

ރޭގެ ޖަލްސާގައި ވެސް ނަޝީދު ވިދާޅުވީ އެ މަނިކުފާން މި އިންތިހާބް ކާމިޔާބް ކުރައްވާނީ އެއްބުރުން ކަމަށާއި އެމަނިކުފާނާއި ވާދަކުރައްވާ އެހެން ރިއާސީ ކެންޑިޑޭޓުން އެކަން ގަބޫލް ކުރައްވާ ކަމަށެވެ.

އިއްޔެ މެންދުރު މަރަދޫއަށް ވަޑައިގެން އިއްޔެ ހަވީރު އެމަނިކުފާން ވަނީ ސަޕޯޓަރުންނާއި އެކު ހިތަދޫ ބޮޑު މަގުގެ އެއްކޮޅުން އަނެއް ކޮޅަށް ފައިމަގުގައި ހިންގަވާވަޑައިގެންފައެވެ.